މ. ދިއްގަރު ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން ހއ. އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

ދިއްގަރު ބިން ހިއްކުމާ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެމްޓީސީސީއާ ހަވާލުކުރީ 121.84 ރުފިޔާއަށް ނޮވެމްބަރު 10، 2020ގަ އެވެ.

އެ މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާ، 384 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން އަދި 287 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައެވެ.

އެމްޓީސީސީއިން މިއަދު ބުނީ އެ މަޝްރޫއުގެ 50 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި އެގޮތުން ރިވެޓްމެންޓް ޖެހުމުގެ 63 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 88 ޕަސެންޓް ނިމިފައިވާ ކަމަށާއި ބޭރުތޮށީގެ ވޭރިއޭޝަން މަސައްކަތްތަކުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި އެ މަޝްރޫއަށް ބޭނުންނވާ ބޮޑު ހިލައިގެ އެންމެ ފަހު ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށްވެސް އެމްޓީސީސީއިން ވަނ ބުނެފައެވެ.

އެ މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން، އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ކުރާނެއެވެ.

އެމްޓީސީސީން ބުނީ ޕްލޭނިން މިނިސްޓްރީން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 62.3 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.