އެއް އާއިލާއެެއްގެ ހަ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނިކޮށް އަނެއްކާ ވެސް އެ މީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު އަނެއްކާ ފުލުހުން އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިދިޔަ މަހު ކުރީކޮޅު މާލެ ސަރަހައްދުން ހައްޔަރުކުރީ 55 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ނަމަވެސް އޭނާގެ ބަންދު ރިވިއު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން އެމީހާ ވަނީ ވަކި ޝަރުތުތަކަކާ އެކު ދޫކޮށްލާފައެވެ. އޭނާ ބަންދުން ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި ޕީޖީ އޮފީހުން އެ މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުން ކޯޓުން ފާހަގަކޮށްފައި ވެއެވެ.

ކްރިމިނަލް ކޯޓުން އެމީހާ ދޫކޮށްލަން އަމުރު ކުރުމުން ޕީޖީން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ބުނެފައެވެ.

އެއް އާއިލާއެއްގެ 6 ކުދިންނާ އެމީހާ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކޮށްފައިވާ އިރު އެމީހާ އެކުދިންނާ އެކި ފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައި ވަނީ 2017 ވަނަ އަހަރުން ފެށިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެ ގޮތުން އެ ކުދިންނަށް ބަރަހަނާ ފޮޓޯ ނަގައި ބްލެކްމެއިލްކޮށް އެކުދިންނަށް އެމީހާ ވަނީ ބިރުދައްކައި ޖިންސީ ގޯނާކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ކްރިމިނަލް ކޯޓުން އެމީހާ ދޫކޮށްލާފައި ވަނީ މި މައްސަލައާ ގުޅޭ ގޮތުން އައިލާއިން ފުލުހުންނަށް ހެކި ހުށަހަޅާފައި ވަނިކޮށް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.