ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާ އަވަށްޓެރި ސްރީލަންކާގައިކާފިއު ހިނގާ، އެ ގައުމުގެ ހާލަތު ގޯސްވެފައިވާތީ މި ވަގުތު އެ ގައުމުގައި ދިރިއުޅެމުންދާ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވެ ތިބުމަށް ފޮރިން މިނިސްޓްރީން ގޮވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މުޅި ސްރީލަންކާ ހިމެނޭގޮތަށް މިވަގުތު ސްރީލަންކާގައި ކާފިއު އިއުލާނު ކޮށްފައިވާ ކަމަށެވެ. ވީމާ، ސްރީލަންކާގައި ދިރިއުޅެމުންދާ އަދި ސްރީލަންކާއަށް ދަތުރުކުރާ އެންމެހާ ދިވެހި ރައްޔިތުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ހާލަތުގައި އެ ގައުމުގައި ގިނަ ބަޔަކު ނިކުމެ މުޒާހަރާކޮށް ދަނީ ހަމަނުޖެހުން ހިންގަމުންނެވެ. އެ ގޮތުން އެމްޕީންގެ ގެދޮރުގައި ހުޅުޖަހާ ހަމަނުޖެހުން މިވަގުތު ހިންގަމުން އަންނާތީ ލަންކާގެ ފުލުހުން ނިކުމެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްތުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ހަމަ ނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ފެންބަޑީގެ އިތުރުން ކަރުނަ ގޭހުގެ ބާރުގެ ބޭނުން ކޮށްފައެވެ. މިވަގުތު ހަތިޔާރާއެކު ސިފައިން ވެސް މަގުތަކަށް ނުކުމެފައިވާ އިރު، އަސްކަރިއްޔާގެ ރަޔަޓް ސްކޮޑުންވެސް މަގުތަކަށް ނިކުމެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

މި ދަނޑިވަޅުގައި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ، ހައިކޮމިޝަނުގެ ހޮޓްލައިން ނަންބަރު 0768816666 އަށް ގުޅުމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ. އެއީ ތައުލީމް އުނގެނުމަށާއި ބޭސްފަރުވާގެ އިތުރުން ވިޔަފާރި ކުރުމަށް ވެސް ގިނައިން ދިވެހިން ދަތުރުކުރާ ގައުމަކަށް ވާއިރު، ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން ވަނީ ރާއްޖެއަށް ވެސް ބަދަލުވާން ފަށާފައެވެ.