"ގްރޭޓާ މާލެ ކަނެކްޓިވިޓީ" މަޝްރޫއުގެ ދަށުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖް މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން ހަދާ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތްތައް ކުރިއަށް ގެންދާ ސަރަހަައްދުގެ ފަރުތަކަށް ގެއްލުން ވެއްޖެއެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން ކުރިއަށް ގެންދާ ސާވޭގެ ދަށުން އެންމެ ފުރަތަމަ ސާވޭ ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 28 އިން ފެށިގެން މިއަހަރު ފެބްރުއަރީ 22 ގެ ނިޔަލަށް މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިނގިއްޔާއި، ގުޅީފަޅުގެ ދެކުނު ފަރާތުގެ މޫދާއި އަދި ތިލަފުށީގެ އިރުދެކުނު ކޮޅު ސަރަހައްދުގައެވެ. އެ ސަރަހައްދުތަކުގެ އިތުރުން، ވިލިމާލެ ދެކުނު ފަރާތުގެ ފަޅުގައި މިހާރު ކުރަމުން ދަނީ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތެވެ.

ޖިއޯޓެކްނިކަލް ސާވޭއަކީ އެކި ބިނާތައް ފަރުމާ ކުރުމުގެ ބޭނުމުގައި ބިމުގައި ވަރު ހުރިތޯ ބެލުމުގެ ގޮތުން ބިމުގެ އަޑީގައިވާ ވެއްޔާއި ހިލަތަކުގެ މައުލޫމާތު އެއްކޮށްގެން ކުރިއަށް ގެންދާ ސާވޭއެކެވެ. އެ ސާވޭ ހެދުމަށްޓަކައި ވެހިކަލެއް ހަރަކާތްތެރިވަމުން ދާއިރު، އެ ވެހިކަލް ބޭނުންކޮށްގެން ބިން ކޮނެ، ބިމުން ހިލަ ނުވަތަ ވެލީގެ ސާމްޕަލްތަކެއް އެއްކުރެއެވެ. އެއަށް ފަހު، ބިމުގައި ވަރު ހުރޭތޯ ބެލުމަށްޓަކައި ލެބޯޓްރީތަކުގައި އެ ސާމްޕަލްތައް ޓެސްޓުކޮށް މައުލޫމާތު ހޯދައެވެ.

ޖިއޯޓެކްނިކަލް ސާވޭ ކުރުމަށް ފަރުމަތީގައި ހަދާފައިވާ ޕްލެޓްފޯމާއެކު ފަރަށް ގެންލުންވެފައި / ފޮޓޯ: އަހުމަދު އައިމަން

އީޕީއޭގެ ޑިރެކްޓަރެއް ކަމަށްވާ ރިފްއަތު ނައީމް "ދަ ޕްރެސް" އަށް ވިދާޅުވި ގޮތުގައި، ތިލަމާލެ ބްރިޖް މަޝްރޫއުގެ ސާވޭގެ މަސައްކަތްތައް އެކި ލެވަލްތަކުގައި އީޕީއޭއިން މޮނިޓާ ކުރަމުން އެބަ ދެއެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތުގެ އީއައިއޭގެ ދަށުން ވަކި މުއްދަތެއްގެ ތެރޭ ވަކި ވަރަކަށް މޮނިޓާ ކުރުމަށް ފަހު، މަސައްކަތްތައް ކުރިއަށް ދަނީ ހަދާފައިވާ އީއައިއޭ އާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ އީޕީއޭ އާ ހިއްސާކުރަން ޖެހޭނެ ކަމަށެވެ.

ޖިއޯޓެކްނިކަލް ސާވޭ ކުރުމަށް ފަރުމަތީގައި ހަދާފައިވާ ޕްލެޓްފޯމްތައް ކައިރިއަށް ގޮސް އައިސް ހަދަން ފަރުމަރީގައި ދުއްވާ އުޅަނދު / ފޮޓޯ: އަހުމަދު އައިމަން

އޭގެ އިތުރުން، އެ މަސައްކަތް ހިނގަމުންދާ ސަރަހައްދުގައި އީއައިއޭ އާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ދޭތޯ ބަލައި، އީޕީއޭއަށް ރިޕޯޓުކުރާ ފަރާތެއް ހުންނާނެ ކަމަށާއި، އީޕީއޭއިންވެސް އެ ސަރަހައްދަށް ގޮސް ފަރުތައް ބަލައި، ފަރުތަކަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ބަލައި މޮނީޓާ ކުރަމުން ދާ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރުވެސް ޖިއޯޓެކްނިކަލް ސާވޭ ހަދަމުން ދާއިރު، އެ މަސައްކަތުގެ ސަބަބުން ފަރުތަކަށް ގެއްލުން ވާނެ ކަމަށް ރިފްއަތު ގަބޫލު ކުރައްވައެވެ. އެހެންކަމުން އެ ލިބޭ ގެއްލުންތަކުގެ ބަދަލުގައި ކުރެވޭނީ ކޮން ކަންތައްތައްތަކެއްތޯ ބަލައި އެ ކަންކަން ކުރަމުން ދާ ކަމަސް އޭނާ ވިދާޅުވިއެވެ.

"އެތާނގައި މުރަކަތަކާ އެއްޗެހި ހުރިއްޔާ، މިސާލަކަށް ބިން ހިއްކާއިރު އަޅުގަނޑުމެން ބުނަން، އިތުރު ގޮތެއް ނެތިއްޔާ މުރަކަތައް އެހެން ތަންތަނަށް ގެންދިއުމަށް ނުވަތަ އެވަރުގެ އެހެން ސަރަހައްދެއް ރައްކާތެރިކޮށް ބެލެހެއްޓުމަށް."
ރިއްފަތު

ރިފްއަތު ވިދާޅުވީ، މިހާތަނަށް ލިބިފައިވަނީ އީއައިއޭގައި ލަފާކޮށްފައިވާ ގެއްލުން ކަމަށާއި، ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށެވެ. އަދި ފަރުތަކަށް ގެއްލުންވެފައިވާ ކަމުގެ ޝަކުވާއެއްވެސް އެ އިދާރާއަށް ރަސްމީކޮށް އެއްވެސް ފަރާތަކުން ހުށަނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ފަރާތުން ތިލަމާލެ ބްރިޖްގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާހު ވިދާޅުވީ، ކުރެވެމުން ދަނީ ޖިއޯޓެކްނިކަލް މަސައްކަތްތަކެއް ކަމަށް ވާތީ، އެ މަސައްކަތް ކުރާނެ ގޮތުގެ މައުލޫމާތު ކޮންޓްރެކްޓަރު ހުށަހެޅުމުން އީއައިއޭ ހަދާފައި ވާނެ ކަމަށެވެ.

ޖިއޯޓެކްނިކަލް ސާވޭ ކުރުމަށް ފަރުމަތީގައި ހަދާފައިވާ ޕްލެޓްފޯމާއެކު ފަރަށް ގެންލުންވެފައި / ފޮޓޯ: އަހުމަދު އައިމަން

"ރީފް މަތީ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތް ކުރަން ކޮންޓްރެކްޓަރު މެތޮޑޮލޮޖީ އާ އެއްޗެހި މިކޮޅަށް ހުށަހެޅުމުން އީއައިއޭ ހަދާފައި ވާނީ." ޖިނާހު ވިދާޅުވިއެވެ.

އަދި ހަދާފައިވާ އީއައިއޭގެ ދަށުން، ފަރުތަކަށް ލިބޭ ގެއްލުން މަދު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެބަ ހުރި ކަމަށާއި ކޮންޓްރެކްޓަރުން އެ މަސައްކަތް ކުރަނީ އީއައިއޭ އާ އެއްގޮތަށްތޯ ބަލަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާތަނަށް ފާހަގަ ކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ނެތް ކަމަށް ވެސް ވިދާޅުވެއެވެ.

އެހެން ނަމަވެސް އެސަރަހައްދުން ނަގާފައިވާ ފޮޓޯތަކަށް ބަލާ އިރު ފަރު މަތިން ޑްރިލްކޮށްފައި ހުރި ސަރަހައްދުތަކުގެ ގާތައް މަރުވެފައި ހުރިތަން ފެންނަ އިރު ފަރުމަތީގައި ގާފުންޏެއް ޖަހާފައި ހުރި ތަންވެސް ފޮޓޯތަކުން ފެންނަން އެބަހުއްޓެވެ.