މޫސުން ގޯސްވެ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނީ، އެސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ މިއަދު ހެނދުނު 9:15 އިން ފެށިގެން މެންދުރު 2 އަށް އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.
ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ.
ޔެލޯ އެލާޓް މިއަދު ނެރެފައި ވާއިރު ކަނޑު ދަތުރު ކުރުމުގައި މޫސުން ގޯސް ވެ ރީނދޫ އެލާޓް ނުވަތަ އެއަށް ވުރެ މަތީ އެލާޓެއް ނެރެފައި ވަނިކޮށް ކަނޑު ދަތުރު ފަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން 9 މީޓަރަށް ވުރެ ކުދި އުޅަނދުތަކުގައި ފަސިންޖަރުން އުފުލުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ.
ޓްރާސްޕޯޓް އޮތޯރިޓީން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހު ގެނެސްފައިވާއިރު މި ގަވާއިދާ ހިލާފު ވެއްޖެ ނަމަ، އެ އުޅަނދުގެ އޮޕަރޭޓާ 15،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ. އަދި އުޅަނދު ދުއްވި ފަރާތުގެ މައްސަލަ ބެލުމަށްފަހު ލައިސަންސް ތިން މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.