ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ހއ. ކެލައިން ރުއް ނަގަމުން ދާ ކަމަށް ބުނެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކެލާ ޕޮލިސް ސްޓޭޝަން ހަދާ ބިމާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ދަނޑުބިމުގެ އިން ވަކި ކުރަން ރުއް ނަގަމުން ދިޔަ ނަމަވެސް އެކަން ކުރަނީ އީޕީއޭއިން ދީފައިވާ ހުއްދައާ ހިލާފަށް ކަމަށް ބުނެ ކެލާގެ ބައެއް ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ނަގާ ރުކަކަށް ރުކެއް ނުވަތަ ގަހެއް ރަށުގައި ނުއިންދާ ކަމަށާއި، ހުއްދަ ދީފައި ވާ ވަރަށް ވުރެ އިތުރަށް ރުއް ނަގާފައިވާ ކަމަށް ބައެއް ރައްޔިތުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި އެއާއެކު ރަށުން ގިނަ އަދަދެއްގެ ކަޅު ފަސް ވެސް ބޭރުކުރާ ކަމަށް އެ ރައްޔިތުން ބުނެއެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ރަޝީދު ވިދާޅުވީ، ކެލާގައި އަލަށް އިމާރާތް ކުރާ ޕޮލިސް ސްޓޭޝަން ހަދާ ބިމުގައި ހުރި ރުއްތަކާއި ދަނޑުބިމުގެ ބައުންޑްރީ ނުވަތަ އިން ވަކިކުރަން ވަށައިގެން ހުރި ރުއްތައް ނަގާ ސާފުކުރުމަށް ދެ ފަހަރެއްގެ މަތިން އިއުލާން ކުރި ކަމަށެވެ.

ރުއްތައް ނަގާ، ބިން ހޮސްފައި

އެ އިއުލާނުގައި ވާގޮތުން އެ ރުއްތައް ބުޑުން ލުހެގެން ނުވަތަ ބުޑާއެކު ނަގައިގެން، ބިން ސާފުކޮށްދިނުމަކީ ގަންނަ ފަރާތުގެ ޒިންމާއެއް ކަމަށް އިންފާޒް ވިދާޅުވިއެވެ.

އެ މަސައްކަތް ކުރުމަށް އޮޕްޓިމިސްޓް ކިޔާ ކުންފުންޏަކުން މަސައްކަތާ ހަވާލުވި ކަމަށާއި އެމީހުން އެ މަސައްކަތް ކުރަމުން ދާތާ މަސް ދުވަސް ވެއްޖެ ކަމަށް އިންފާޒު ވިދާޅުވިއެވެ.

އެމީހުން ރަށުން ރުއް ބޭރުކުރަން ބޭނުންވަންޏާ، އެމީހުންގެ ޒިންމާއެއް އެއީ އީޕީއޭއިންނާއު އެގްރިކަލްޗާގެ ހުއްދަ ނެގުމަކީ، އެހުއްދަ ލިބުނީމަ ކައުންސިލުން ހުއްދަ ދޭނަން އެރުއްތައް ބޭރުކުރަން ވެސް،
ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް ރަޝީދު

އިންފާޒު ވިދާޅުވިގޮތުގައި ކެލާގައި އަލަށް އިމާރަތް ކުރާ ޕޮލިސް ސްޓޭޝަން ހަދާ 20 ހާސް އަކަފޫޓު ބިމާއި އަދި ދަނޑުބިމުގެ ބައުންޑްރީ ވަށައިގެން ހުރި ރުއްތަކުގެ އަދަދު 200 އަށް އަރާނެއެވެ. އެ ރުއްތައް ނަގަނީ އެކި ދުވަސްމަތިން ކަމަށާއި، އެ ގޮތަށް ނަގާ ރުއް، ރަށުން ބޭރު ކުރުމަށް ބަނދަރުމަތީގައިވެސް ބަހައްޓާކަމަށެވެ. ނަމަވެސް ހުރިހާ ރުކެއް ބޭރު ކުރުމުގެ ބަދަލުގައި ބައެއް ރުއް ރަށުގައި އިންދަން އަންގާފައި ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކަޅުވެލި ނަގައިގެން އެހެން ބޭރު ނުކުރާ ކަމަށާއި، ރުއް ހުރީ ކަޅުފަހުގައި ކަމަށް ވެފައި، ރުއްތައް ނަގައިގެން ގެންދާ އިރު ކޮންމެވެސް ވަރަކަށް ރުކާއެކު ކަޅުވެލި ހުންނާނެ ކަމަށެވެ.

ހއ. ކެލައިން ރުއް ބޭރު ކުރަން ބަނދަރުމަތީގައި ބަހައްޓާފައި ---

"ދަ ޕްރެސް" އާ ވާހަކަ ދެއްކި ބައެއް ރައްޔިތުން، ކައުންސިލްގެ ވާހަކަ ދޮގުކުރަމުން ބުނީ، ރަށުން ހާހަކާ ގާތް ކުރާ އަދަދަކަށް ރުއް ބޭރު ކޮށްފައި ވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި، އެއާއެކު ގިނަ އަދަދެއްގެ ކަޅުވެލި ވެސް ބޭރުކޮށްފައި ވާކަމަށެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓަރު ރިއްފަތު ނައީމް ވިދާޅުވީ، އެކަމާ ގުޅިގެން ކެލާގެ ބައެއް ރައްޔިތުންގެ ފަރާތުން އެ އެޖެންސީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

ގަވައިދުގައި އޮންނަނީ ކޮންމެހެން ކަނޑަން ޖެހޭ އެއްޗެއް ކަނޑައިފިއްޔާ ޖެހޭނެޔޭ އޭގެ ބަދަލުގަ އިންދަން، ކަނޑާ އެއްލާޅުމަށްވުރެ އެހެން ތާކު އިންދުން މި އޮންނަނީ، މިނިމަމް 30 ޕަސަންޓު ޖެހޭ އެރަށެއްގައި އިންދަން،
އީޕީއޭގެ ޑިރެކްޓަރު ރިފްއަތު ނައީމް

ރިއްފަތު ވިދާޅުވީ އިންދުމުގެ ޖާގަ އޮތް ނަމަވެސް ރަށުން ބޭރަށް ރުއްތައް ފޮނުވާ ކަމަށް އެރަށު ބައެއް ރައްޔިތުން ބުނަމުންދާ ކަމަށާއި ކެލާގައި ހުސް ޖާގަ އޮތް ތަންތަން، އެކި މަޝްރޫއުތަކަށް ކަނޑައަޅާފައި ވާ ކަމަށް ކައުންސިލުން ބުނެފައި ވާ ކަމަށެވެ. އަދި މިހާރު ނަގާ ރުއްތައް އެތަންތަނުގައި އިންދައިފިނަމަ އަލުން ޖެހޭނީ ރުއްތައް ކަނޑަން ކަމަށް ކައުންސިލުން ބުނާ ކަމަށްވެސް ރިއްފަތު ވިދާޅުވެއެވެ. އިތުރަށް ރިއްފަތު ވިދާޅުވީ، ކެލާގައި ހިނގަމުންދާ ރުއް ޖެގުމުގެ މަޝްރޫއާ ގުޅޭ ރިޕޯޓު ހަފްތާއަކުން ހަފްތާއަކުން ކައުންސިލުން އެ އެޖެންސީއަށް ފޮނުވާ ކަމަށާއި، މިހާތަނަށް ގަވާއިދާ ހިލާފު ކަމެއް ފާހަގަ ކުރެއްވިފައި ނުވާ ކަމަށެވެ.