ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ފޮރުވަން ސަރުކާރަށް ވާގިވެރިވާ އެއްބޭފުޅަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ވިދާޅުވެ އޭނާއަށް ތުހުމަތު ކުރައްވާ ނަޝިދު ކުރެއްވި މެސެޖުތަކެއް ލީކް ވެއްޖެއެވެ.
މި މެސެޖުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވާފައިވާ މެސެޖުތަކަކެވެ. އެ މެސެޖުތަކުގައި ރައީސް ނަޝީދު ހުސައިން ޝަހީމަށް ތުހުމަތު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި ވަނީ، ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅޭ ތަހުގީގަކީ ހަމައެކަނި ހުސައިންގެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ހުސައިން ހުންނެވީ އެކަން ފޮރުވަން ކުރާ މަސައްކަތުގައި ބައިވެރިވެވަޑައިގެން ކަމަށެވެ.
އެ މެސެޖަށް ރައްދު ދެއްވަމުން ހުސައިން ވިދާޅުވެފައި ވަނީ، އެ ތަހުގީގަކީ އޭނާ ކުރައްވާ ތަހުގީގެއް ނޫން ކަމަށާއި، ތަހުގީގު ކުރިއަށް ނުދަންޏާ އެކަން ބަލަން ޖެހޭނީ ޖޭއެސްސީ ނުވަތަ މަޖިލީހުން ކަމަށެވެ. އަދި އޭނާ އަކީ އެފަދަ ތަހުގީގެއް ހިންގޭނެ ބޭފުޅެއް ނޫން ކަން ވެސް ނަޝީދަށް އެނގިވަޑައިގަންނާވާނެ ކަމަށް ހުސައިން ވިދާޅުވެއެވެ.
އެކަމަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އެއީ އެކަން އެނގިވަޑައިގަންނަވާތީ ވިދާޅުވާ އެއްޗެއް ކަމަށާއި އެކަން ފޮރުވަން ސަރުކާރަށް ވާގި ދޭ އެއް ބޭފުޅަކީ އަނދުންގޭ ހުސައިން ކަން އެނގިވަޑައިގަންނާވާ ކަަމަށެވެ. އަދި އެ މަސައްކަތުގައި ސަރުކާރަށް ތާއީދު ކުރައްވާ އާރުކާޓީވެސް ހިމެނޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ބޮމުގެ ހަމަލާ ދައުލަތުން ތަހުގީގު ކުރި ގޮތާ މެދު ވެސް ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓް މެދުވެރިކޮށް މިރޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނަޝީދު ވިދާޅުވީ އެ ތަހުގީގު ބިނާވެފައި އޮތީ ހަމައެކަނި ތުހުމަތު ކުރެވޭ ފަރާތް އިއުތިރާފްވެ ދެއްކި ވާހަކަ އަށް އެކަނި ކަމަށެވެ. އެއީ ތަހުގީގު ކުރިޔަށް ގެންދެވޭނެ އެންމެ ގޯސް ގޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. ހަމަލާ އަށް އަހަރު ފުރުމާ ގުޅިގެން މަޖިލީހުން ނެރުނު ބަޔާނުގައި ވެސް ވަނީ އެ މައްސަލައިގެ ޝަރީއަތް ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ވެސް ރައީސް ނަޝީދުގެ އާއިލާވެސް އެ ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް މަންދޫބެއްގެ ގޮތުގައި ހަމަޖައްސާފައިވާ އައްބާސް ފާއިޒް ވެސް ވަނީ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށާއި ނަމަވެސް ސަރީއަތް ލަސްވުމާއި ފަންޑު ކުރި މިޙުން ނުހޯދޭ މައްސަަލއަކީ ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަ ކުރައްވާފައެވެ.