ތެލެސީމިއާ އޭ ބުނުމުން އަހަރެމެންގެ ހިތާ ސިކުޑިއަށް ބަސްތަކެއް ފުނި ޖެހެމުން ދާއިރު، އެ ބަލީގެ ވޭނާއި ތަދު، އިހުސާސްކުރާ ކުދިން ދިރިއުޅުމަށް ކުރާ ގަދަ ހިތްވަރު އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ވަޒަނެއް ނުކުރެވެއެވެ. އެ ކުދިން ދިރިހުރުމަށްޓަކައި ކޮންމެ މަހަކު އެއްފަހަރު ނުވަތަ އެއަށް ވުރެ އަވަސް އަވަހަށް ލޭ ބޭނުން ވާއިރު ލޭފޮދެއް ނުލިބި އެކަމަށްޓަކައި ސަލާންޖަހަން ޖެހެނީވެސް މަދެއްކޮށެއް ނޫނެވެ. ލޭ އެޅުމަށް ފަހު ހަށިގަނޑުގައި ހުންނަ ދަގަނޑުގެ މިންވަރު މަދުކުރުމަށް އަމިއްލައަށް ޑެސްފަރޮލް އިންޖެކްޝަން ޖަހާ، ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހެއެވެ. އެ ހުރިހާ ތަކުލީފުތަކާއެކު އެހެން މީހުންގެ ފަރާތުން އަމާޒުވާ އަނިޔާވެރި ބަސްތަކުން އެ ވޭން ދެގުނަ ވެގެން ނުދާނެ ހެއްޔެވެ؟

ބޮޑެތި ބަލިތަކުގައި އާއިލާގެ ގިނަ މެންބަރުން ފަރުވާ ހޯދަމުން ދާއިރު ތެލެސީމިއާ މީހަކަށް ވެ ހުރެ ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް، ރ. އަނގޮޅިތީމަށް އުފަން އުމުރުން 27 އަހަރުގެ މޫނިސާ ރަޝީދަކީ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިނުލާ ހުރި ޒުވާނެވެ. ކުރިމަތިލާން ޖެހުނު ހުރިހާ ހުރަހެއް ގިރާކޮށް، ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ކަށިން ހިތްވަރު ނެރެ މަސައްކަތް ކުރި އަދި ކުރާ އަންހެނެކެވެ. އެނާ އަކީ ބީޓާ ތެލެސީމިއާ މޭޖާ ބަލީގެ ވޭން ރާއްޖޭގައި ތަހައްމަލު ކުރަމުން ދާ މީހުންގެ ތެރެއިން އެކެކެވެ.

ތެލެސީމިއާ އާއެކު މޫނިސާ ފެށިގޮތް

އުމުރުން 15 އަހަރުގައި ލޭ އަޅަން ފެށި މޫނިސާ ބުނާ ގޮތުގައި އެންމެ ކުޑައިރުއްސުރެ އޭނާގެ ގައިގައި ލޭ ހުންނަނީ ވަރަށް ދަށްކޮށް ކަމަށާއި ބަލިވެ ޑޮކްޓަރަށް ދައްކާ ފަހަރުތަކުގައި އަބަދުވެސް ލޭ އަޅަން ޑޮކްޓަރު ލަފާދޭ ކަމަށެވެ. އެހެންނަމަވެސް އޭރު ރަނގަޅު ކާތަކެތި ބޭނުންކޮށްގެން ލޭ ރަނގަޅުވާނެ ކަމަށާއި އެއްފަހަރު އަޅައިފިނަމަ ދެން ވެސް އަޅަން ޖެހޭނެ ކަހަލަ ގޮތަކަށް ގިނަ ބަޔަކަށް ވިސްނިފައި އޮތުމާއެކު ލޭ ނާޅާ މަޑުކުރީ ކަމަށް މޫނިސާ ބުންޏެވެ.

މޫނިސާ

އާބާދީގައި 500 އެއްހާ މީހުން ދިރިއުޅޭ އަނގޮޅިތީމުގައި ލޭ އަޅަން ޖެހޭ ކުދިން އުޅޭއިރު އެ ރަށުން ލޭ އެޅޭނެ ނުވަތަ ޓެސްޓުކުރެވޭނެ ނިޒާމެއް ނެތުމަކީ މޫނިސާ ފަދައިން ލޭ އަޅަމުން އަންނަ ކުދިންނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ލޭ އަޅަން އެ އަތޮޅުގެ އެހެން ރަށްރަށަށް މޫނިސާއަށް ދާން ޖެހޭއިރު އޭނާގެ އާއިލާއިން ލޭ ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއެވެ. މިހާރު ކޮންމެ 15 ދުވަހަކުން 15 ދުވަހަކުން މޫނިސާ އަށް ލޭ އަޅަން ޖެހޭއިރު އޭނާގެ ކޮއްކޮ، އަހުމަދު ރައިޝާން އަކީވެސް ބީޓާ ތެލެސީމިއާ ނުވަތަ ލޭ ދަށްވާ ވަރަކުން ލޭ އަޅަން ޖެހޭ ކުއްޖެކެވެ. އަދި ދެ މީހުންގެ ލޭގެ ގްރޫޕަކީ "އޭ ޕޮޒިޓިވް" ކަމަށް ވުމުން ލޭ ހޯދުމުގައި އިތުރު ދަތިތަކަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

"ލޭ ހޯދަން ވަރަށް އުނދަގޫ ރަށުގަ އެހާ ބައިވަރު މީހުންނެއް ނުތިބެ އެހެންވެ. މިހާރުވެސް ވަރަށް އުނދަގޫ ކޮއްކޮވެސް ލޭ އަޅަން ޖެހިފަ ދެ މީހުންގެ ވެސް އެއް ލެޔެއް ހުންނާތީ"
މޫނިސާ

އެހެން ކުދިންނާ ހިލާފަށް މޫނިސާއަށް ކުޅިވަރު ކުޅެއެއް ނޫޅެވެއެވެ. އެހެންކަމުން ލޭ އަޅަން ފެށުުމުގެ ކުރިންވެސް ބަލި ކުއްޖެއްގެ ގޮތުގައި ލޭބަލްވެފައި އޮތުމަކީ ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރުވާ ކަމެއް ކަމަށް މޫނިސާ ފާހަގަކުރިއެވެ. އަނގޮޅިތީމު ސުކޫލުން ސާނަވީ ތައުލީމު ނިންމާލުމަށް ފަހު މޫނިސާ މަތީ ސާނަވީ ތައުލީމު ހާސިލްކުރީ ރ. ހުޅުދުއްފާރު ސްކޫލުންނެވެ. ޓެސްޓު ދުވަސްވަރުވެސް އެހެން ކުދިންނާ އެއްވަރަށް މަސައްކަތް ނުކުރެވުމާއި އެ ދުވަސް ވަރު ލޭ އަޅަން ޖެހުމަކީ މޫނިސާ ކުރި ހިތްދަތި ތަޖުރިބާތަކެކެވެ.

"އޭރު ލޭ އަޅަން ޖެހޭ ދުވަހަށް މަންމަމެންނަށް ދާން ވަރަށް އުދަނގޫ ކަމަށާއި ބައެއް ފަހަރު އެކުގައި އުޅޭ ކުދިންވެސް ގޮސް އުޅޭ"
މޫނިސާ
މޫނިސާއަށް ކޮވިޑް ޖެހިފާ ހުއްޓާ ލޭ އަޅަނީ

ސްކޫލު ދައުރު ނިންމާލުމަށް ފަހު މޫނިސާ މާލެ ބަދަލުވީ ޓީޗަރަކަށް ވުމަށްޓަކައި އޭނާ ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެއްސުމަށްޓަކައެވެ. ލޭ އަޅަމުންވެސް އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދޭނެ ކަމުގެ އުންމީދުގައެވެ. މޫނިސާ ބުނީ މާލެ އައިސް އޭނާ ފުރަތަމަ ހުރީ ދައްތަ ކައިރީގައި ކަމަށާއި ފަހުން ކުދިން ބަހައްޓާ ގެއަކަށް ބަދަލުވި ކަމަށެވެ.

މާލެ ބަދަލުވުމަށް ފަހު ޓެސްޓު ހެދުމާއި ލޭ ހޯދުމުގެ އިތުރުން ލޭ އެޅުމުގައި ވެސް މޫނިސާ އެކަނި އުޅެން ޖެހުމާއެކު އޭނާގެ ތަކުލީފުތައް ވީ އިތުރަށް ބޮޑެވެ. އަމިއްލައަށް، އަމިއްލަ ހަރަދުތައް ބެލެހެއްޓުމުގެ ނިޔަތުގައި މޫނިސާ ވަޒީފާއަކަށްވެސް ދާން ފެށިނަމަވެސް ކިޔަވަމުން ލޭ އަޅަމުން ޑެސްފެރޯލް ގުޅަން ޖެހުމާއެކު އެކަން ނުވާނެ ކަމަށް ނިންމާ އޭނާ ވަޒީފާ ދޫކޮށްލިއެވެ. އެހެންކަމުން އޭނާގެ ހަރަދުތައް ބެހެލެއްޓީ މާމަ އާއި މަންމަމެން ވަރަށް ހާލުން ކަމަށް މޫނިސާ ފާހަގަ ކުރިއެވެ.

މޫނިސާ ހަޔާތެއް ފެށުން

2017 ވަނަ އަހަރު މޫނިސާ އާއި އަޝްރަފް އިބްރާހިމް ޒަވާޖީ ހަޔާތެއް ފެށިއެވެ. މޫނިސާ ބުނީ އަބަދުވެސް ތެލެސީމިއާ ކުދިންނަށް ދަރިން ނުލިބޭ ވާހަކަތަކަކީ އަޑުއިވޭ ވާހަކަތަކަކަށް ވުމާއެކު މޫނިސާއަށް ވިސްނިފައި އޮތީ ދުވަހަކުވެސް ދަރިއަކު ނުލިބޭނެ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ފިރިމީހާ އަބަދުވެސް ބުނަމުން ދިޔައީ ދަރިއެއް ނުލިބުނަސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. މޫނިސާ ވަނީ ފިރިމީހާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމާއި ހިތްވަރު ލިބޭ ކަން ފާހަގަ ކޮށްފައެވެ. އެހެން ކަމުން އެ ދެމީހުންގެ އަލަތު ދަރިފުޅަށް ބަލިވެއިން ކަމުގެ ހަބަރު ވެގެން ދިޔައީ މޫނިސާމެންގެ ދެމަފިރިންނަށް ލިބުނު ބޮޑު ސަޕްރައިޒަކަށެވެ. އެހެންނަމަވެސް ދަގަނޑުގެ ބައި މާ މަތިކޮށް ހުރުމާއެކު ބިރުވެސް ގަން ކަމަށް މޫނިސާ ބުންޏެވެ.

މޫނިސާ އޭނާގެ ފިރިމީހާއާއެކު
"ގަބޫލެއް ނުވެސް ކުރެވުނު. އަމިއްލައަށް ގަބޫލުކުރާކަށް ބޭނުމެއްވެސް ނުވި. ވިސްނިފަވެސް އޮތީ އެހެން ގޮތަކަށް. ވަރަށް އުފާވެސް ވި. ބިރުވެސް ގަން ދަގަނޑުމަތި ވީމަ"
މޫނިސާ

މޫނިސާ ބުނީ އެ ބިރުވެރިކަން ފިލާ ދިޔައީ ތެލެސީމިއާ މަންމައިންނަށް ހާއްސަ ގްރޫޕެއްގައި އެ ވާހަކަތައް ދެކެވި ދަގަނޑުގެ ބައި މާ މަތި މީހުންނަށްވެސް ދަރިން ލިބިފައި ތިބިކަން އެނގުނު ހިސާބުންނާއި އަދި މާބަނޑު އިރު ދަރިފުޅަށް ދަގަނޑުގެ ބަޔަކީ މުހިއްމު އެއްޗެއްކަން އެނގުނު ކަމަށެވެ. މޫނިސާގެ މާބަނޑު ދުވަސްތައް ހޭދަކުރީ އެހެން މާބަނޑު މީހުންނާ އެއްގޮތަށެވެ. ލޭ އަޅަން ޖެހުމަކީ ހަމަ އެކަނި ތަފާތު ކަމުގައި ވީއިރު އެކަމަކީ އެ ދުވަސްވަރު ވަރަށް އުދަނގޫ ކަމަށް މޫނިސާ ފާހަގަ ކުރިއެވެ. ފުރަތަމަ 15 ދުވަހުން 15 ދުވަހުން ލޭ އަޅަމުން އައި މޫނިސާގެ ބަނޑަށް 5 މަހުން ފެށިގެން ހަފްތާއަކު އެއްފަހަރު ލޭ އަޅަން ޖެހުނެވެ. އަދި 7 މަހުން ފެށިގެން ހަފްތާއަކު ދެ ފަހަރު ލޭ އަޅަމުން އައި ކަމަށް މޫނިސާ ވަނީ ބުނެފައެވެ.

މޫނިސާއާއި އާއިލާ ތަހަންމަލް ކުރާ ހިތްދަތި ވޭން

މާބަނޑުއިރު ލޭ އަޅަން ދިޔަ ދުވަހަކު ފެން މަދުކަމަށް ބުނެ މޫނިސާގެ ދަރިފުޅު ސިޒޭރިއަން ހަދާ ނެގިއެވެ. މާބަނޑުއިރު ބަރާބަރަށް ޓެސްޓުތައް ހަދަމުން އައި މޫނިސާގެ ދަރިފުޅު ޒިވިއަން ބިން އަޝްރަފް އިބްރާހިމުގެ ބައްޔެއް ހުރި ކަމަކަށް ޑޮކްޓަރުންނަށް ދެނެގަނެވިފައެއް ނެތެވެ. އެހެންނަމަވެސް ތުއްތު ޒިވިއަން އަކީ ހިތުގެ މޭޖާ ބައްޔެއް ކަމަށްވާ ޕަލްމޮނަރީ އެޓްރީޒިއާ ވިތު ވީއެސްޑީ ނުވަތަ ހިތުގެ ސާފު ލޭ ފުއްޕާމެޔަށް ދައުރުކޮށްދޭ ނާރު އުފެދިިފައި ނުވާ އަދި އިތުރު ލޯވަޅުތަކެއް ހުންނަ ކުއްޖެއްކަން އެނގުން ވެގެން ދިޔައީ މޫނިސާގެ ވޭނަށް އިތުރު ރިހުމެއް ލިބުނު ކަމަކަށެވެ.

މޫނިސާގެ އާއިލާގައި ބޮޑެތި ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ މެންބަރުން ތިބި އިރު އޭނާގެ ބައްޕަ، އިބްރާހިމް ރަޝީދަށް މީގެ 11 އަހަރު ކުރިން ވާގިނެތޭ ބަލި ޖެހިފައި ވާއިރު އޭނާގެ މަންމަ، ހާޖަރާ އަލީ ވަނީ މައިބަދައިގެ ޑިސްކު ހަލާކުވެ، ޑިސްކު ތެރެއަށް ނާރެއް ވަދެ ފިތި މިހާރު މައިބަދަ އޮޕަރޭޝަން ކޮށްފައެވެ. އެކަމުގެ ސަބަބުން ގިނައިރު ކޮޅަށް އަދި އިށީނދެ އިނުމަށް އޭނާ ވަނީ ނުކުޅެދިފައެވެ.

މޫނިސާ އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއެކު

މީގެ އިތުރުން އޭނާގެ އެންމެ ބޮޑު ދައްތަ، ފާތިމަތު ރަޝީދާ މީގެ 17 އަހަރު ކުރިން ދެ ކިޑްނީ ފެއިލްވެ، ޑައިލެސިސް ހަދަމުން އަންނައިރު އޭނާގެ އެންމެ ކުޑަކޮއްކޮ އަކީ ކިޑްނީގެ ނާރެއް ބްލޮކް ވެ، އޮޕަރޭޝަނެއް ކޮށްފައި ހުރި ކުއްޖަކަށް ވާއިރު އޭނާ އަންނަނީ ބީޓާ ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންނެވެ.

މޫނިސާގެ ހިތްވަރާއި ޝަކުވާ

މޫނިސާގެ ދަރިފުޅު ޒިވިއަންއަކީ ބަލި ކުއްޖަކަށް ވުމާއެކު ލޭ އެޅުމާއި ޑެސްޕެރޯލް ގުޅުމުގައި ވެސް އުނދަގޫތަކެއް މިހާރު މޫނިސާއަށް ކުރިމަތި ވެއެވެ. ޑެސްޕެރޯލް ގުޅައިގެން 12 ގަޑިއިރު ހޭދަކުރަން ޖެހޭ މޫނިސާއަށް މިހާރު އެހާ ގިނަ ވަގުތު ޑެސްފެރޯލް ގުޅައިގެން އުޅުމަށް އުނދަގޫވެއެވެ. އެކަމުގެ ސަބަބުން ދަގަނޑު ގިނަވެ ވަރުބަލިވެ، ހުޅުތަކުގަ ރިއްސާ، ނަމާދުކުރާއިރު ތިރިވާންވެސް އުނދަގޫވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މިހާރު ލޭ އެޅުމަށް މޫނިސާ އެ ރަށާ ކައިރީގައި އޮންނަ ރަސްގަތީމަށް ދާއިރު އެ ރަށުގައި އޭނާގެ ދައްތަ ދިރިއުޅެމުން ދާތީއާއެކު އެކަމުގައި ފަސޭހަވެއެވެ. ކްރޮސްމެޗު ހުދުމަށާއި ލޭ އެޅުމަށް ދެ ދުވަސް ވާންދެން މޫނިސާ އެރަށަށް ގޮސް މަޑުކުރަން ޖެހެއެވެ. މޫނިސާ ބުނީ ލޭ ހޯދަން އުޅެ ލޭ ނުލިބޭ ކޮންމެ ފަހަރަކުވެސް ވަރަށް ދެރަވާ ކަމަށާއި ކޮންމެ ފަހަރަކުވެސް ލޭ އަޅަން ނުޖެހޭ ނަމައޭ ހިތަށް އަރާ ކަމަށެވެ.

މޫނިސާ އޭނާގެ ދަރިފުޅާއެކު
"ކޮންމެ ފަހަރަކު ލޭ ހޯދަން އުޅެފަ ލޭ ނުލިބި ދާ ފަހަރު ފަހަރު ވަރަށް ދެރަވޭ. ހިތަށް އަރާ ލޭ އަޅާ ކުއްޖަކަށް ނުވި ނަމައޭ ހިތަށްއެރާ. މަންމަމެންނަށްވެސް ހާދަ އުނދަގުލެއްވާނެ އޭ އަހަންނާ ހެދި"
މޫނިސާ

މޫނިސާގެ ފަހު ބަސް

މޫނިސާ ބުނީ ލޯބި ވެގެން ދެ މީހުން ދުރު ނުވެވިގެން ކައިވެނި ކުރަނީ ކެރިއަރުންކަން އެނގިހުރެ ކަމަށް ވާއިރު އެއީ ލޯތްބައްޓަކައި ދެން އަންނަން އޮތް ފުރާނައަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް އެއް ކަމަށެވެ.

"އެ ކުއްޖާގެ އިހުސާސްތަކެއް ނޭނގޭނެ އެ ޕޭރެންޓުންނަކަށް. އެ މީހުންގެ ކުޑަކުޑަ ވަގުތުކޮޅެއްގެ އުފަލަކަށްޓަކައި އެކަމު އެ އުފަލެއް ނާއްނާނެ ބޭބީއެއް ލިބިގެން ބޭބީ އެ ވޭން ތަހަންމަލުކުރާތަން ފެނުނީމަ."
މޫނިސާ

މޫނީސާ ބުނީ، އެ އަނިޔާ އެކަކުވެސް ނުދިނުމަށާއި، ކައިވެނީގެ ކުރިން ތެލެސީމިއާ ޓެސްޓް ހެދުމަށްފަހު ކެރިއަރުން ކަމަށް ވާނަމަ، ހާއްސަކޮށް މޭޖަރުން ކަމަށް ވާނަމަ، ކިތަންމެ ލޯބި ވިޔަސް ވަކި ވުމަށެވެ.

ވަގުތު ކޮޅެއްގެ އުފަލަށްޓަކައި ތިމާއަށް ލިބިދާނެ ދަރިފުޅަކީ، ލޭ އަޅަން ޖެހޭ ކުއްޖަކަށް ނުހެދުމަށާއި ލިބޭ ދަރިފުޅަކީ، ލޭ އަޅަން ޖެހޭ ކުއްޖަކަށް ވެއްޖެ ނަމަ އުފާ ހޯދަން ބޭނުން ކުރި "އެ ވަގުތު ކޮޅު" އުމުރަށް ހިތާމައާ ބައްދަލު ކުރާނެ ކަމަށް އޭނާ ބުނެއެވެ.

އެ ހުރިހާ ވޭނާއި ރިހުމާ ތަކުލީފުތަކާއެކުވެސް ތެލެސީމިއާ ކުދިންނަށް މޫނިސާ ދޭން ބޭނުންވާ މެސެޖެއް އޮވެއެވެ އެއީ ތެލެސީމިއާ ކުދިންނޭ ކިޔާފައި ވަކި، ނުވާނެ ކަމެއް ނޯންނާނެ ކަމެވެ. ދަރިންވެސް ލިބޭނެ ކަމެވެ.