ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސާވިސް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން ހިންގަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ އަޑު ނަމުގައި ކުރިއަށްގެންދާ ޕޮޑުކާސްޓުގެ މިއަދު ކުރިއަށް ގެންދިޔަ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ތެލެސީމިއާ ސެންޓަރު، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގެ މަރުހަލާ ކަމަށެވެ.
ތެލެސީމިއާ ސެންޓަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމށް ފެށި މަސައްކަތުގެ ތެރެއިން މިއަދާ ހަމައަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ތެލަސީމިއާ ސެންޓަރު ހިންގުން އޮރެންޖު ހިޔާއަށް ބަދަލުކޮށްފައިވާ އިރު، ޖާގައިގެ އިތުރުން އެ ސެންޓަރުގެ ވަސީލަތްތައް ވެސް ރަނގަޅުކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އދި ކުރިއަށް އޮތްތަނުގައި އިތުރު ވަސީލަތްތައް ހޯދުމަށާއި މުވައްޒަފުން އިތުރު ކުރުމަށް މާލީ ވުޒާރާއަށް އަންގާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން މިހާރު 12 ވަރަކަށް މުވައްޒަފުން އިތުރު ކުރުމަށް ހުއްދަލިބި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައިސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގިނަވެގެން 2 ހަފްތާގެ ތެރޭގައި މޯލްޑިވިއަން ބްލަޑް ސާވިސަސްއާއި ތެލަސީމިއާ ސެންޓަރު، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށައް ބަދަލުކުރެވޭނެ ކަމަށެވެ. މިހާރު އެކަމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ތެލެސީމިއާ ކުދިން ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް، އެހެނިހެން އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ތެލެސީމިއާ ސެންޓަރު ހުޅުމާލޭގައި ހުންނަ އޮންރެންޖް ހިޔާއަށް ބަދަލު ކުރުމަށް ސިފައިންނާ ހަވާލުކޯށްފއި ވަނީ މިދިޔަ މާޗްމަހުގެ ފަހުކޮޅުއެވެ. އެ މަސައްކަތް ނިންމައި މިއަދު ސިފައިން ވަނީ ހެލްތް މިނިސްޓްރީއަށް އެތަން ހަވާލުކޮށްފައެވެ.
ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހުޅުމާލެއަށް ބަދަލުކުރުމުން ހުޅުމާލޭ ހޮސްޕުޓަލުން ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލެއިން ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އައިޖީއެމްއެޗްއަށް ގޮސްގެން ލޭ ދެވޭނެ ކަމަށާއި، ލޭ ރައްކާތެރިކަމާއެކު އޮރެންޖް ހިޔާއަށް ގެނެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ތެލެސީމިއާ ކުދިން ހުޅުމާލޭގައި ހުންނަ ސެންޓަރަށް ދިއުމަށް ހާއްސަ ބަސް ރޫޓެއް ކަނޑަޅާފައެވެ. ތެލެސީމިއާ ކުދިންނާއި ބެލެނިވެރިންނަށް ބަހުގައި ހިލޭ ދަތުރުކުރުމަށް ހައްސަ ކާޑެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ތެލެސީމިއާ ކުދިންނަށް މި ސަރުކާރުން ކޮށްދޭ ކަންކަމުގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި 14 ކުއްޖަކަށް ބޯން މެރޯ ހެދުމުގެ ހިދުމަތް ފޯރުކޮށް ދެމުންދާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކުދިންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގައި ތެލެސީމިއާއަށް ހއްސަ ފުލް-ފްލެޖްޑް ހޮސްޕިޓަލެއް ހުޅުމާލޭގައި ހެދުމަށް މިހާރު މަސައްކަތްތަކެއް ފެށިފައިވާ ކަން ވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މި މަޝްރޫއަށް އިންވެސްޓް ކުރާ ފަރާތްތަކާއެކު އެގްރީމަންޓު ހެދުމާއި ހިސާބަށް ދެވި، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ހޮސްޕިޓަލުގެ މަސައްކަތުގެ ތެރެއިން ބޯންމެރޯގެ ހިދުމަތް ދިނުމަށް ޝަރުތު ކުރެވިފައި ވާނެ ކަމަށާއި، މިކަމުގެ އިތުރު ތަފުސީލުތައް ކަންކަން ނިމެމުންދާ ވަރަކަށް ހާމަވެގެން އަންނާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ތެލެސީމިއާ ކުދިންނަށް ދާއިމީ ރަނގަޅު ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.