މާރާމާރިއާ ގުޅުން ހުރި ބަޔަކު ވަޅިތަކަކާއި މަސްތުވާތަކެއްޗާ އެކު ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މާލެ އާއި ހުޅުމާލޭގައި މި ފަހުން ހިންގި ގްރޫޕް މާރާމާރީތަކާ ގުޅިގެން ހުޅުމާލޭގެ ފްލެޓެއް ފާސްކޮށް ބެލި އިރު ތޫނު ހަތިޔާރާއި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ފުރަތަމަ ފިޔަވަހީގެ ފްލެޓެއް ފާސްކުރިއިރު އެކި ސައިޒްގެ ހަ ވަޅި އާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިން ކޮޅާއި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ އުމރުން 19 އަހަރާއި 24 އަހަރާއި 25 އަހަރު އަދި 26 އަހަރުގެ ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ފަހުން އަނެއްކާވެސް ގޭންގް މާރާމާތި އާއި ތޫނު އެއްޗިހިން މީހުންނަށް ހަމަލާ ދިނުން ވަނީ އާންމުވެފައެވެ. އެ ގޮތުން މިދިޔަ އީދޫ ދުވަހު ދުވާލުގެ ވަގުތެއްގައި މާވެޔިމަގުގައި މާރާމާރިއެއް ހިންގާފައިވާ އިރު، ޖަނަވަރީ މަގުގައިވެސް ވަނީ މާރާމާރިއެއް ހިންގާފައެވެ. އެ މާރީމާރީގައި ބަޔަކު ވަނީ ޒަހަމް ވެފައެވެ.

މީގެ އިތުރުން މި މަހުގެ 5 ވަނަ ދުވަހު ފުލުހުން ވަނީ މާރާމާރީގެ މައްސަލައަކާ ގުޅިގެން 7 މީހަކު ހޯދަން އިއުލާންކޮށް އެމީހުންގެ ވަނަވަރު ހާމަކޮށްފައެވެ.