މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، އާޓިފިޝަލް ބީޗް ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް މައްސަލައެއް ހުށަހަޅާފައި ނުވި ނަމަވެސް، މިއީ ޖިނާއީ ކުށެއް އެކުލެވޭ ކަމަކަށް ވާތީ، އިސްނަގައިގެން މި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައިގައި ބައިވެރިވި މީހުން ދެނެގަތުމާއި، ގާނޫނީ އިޖުރާއަތްތަކުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ބައިވެރިވެގެން ހިންގި މި މާރާމާރީގައި އެކަކު އަނެކަކަށް ހަމަލާދީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައި ވެއެވެ. އަދި ހަމަނުޖެހުން ހިންގަމުންދިޔަ ބިދޭސީން ދުރުކުރަން މަސައްކަތްކުރި ބިދޭސީ މީހާގެ ގައިގައި ވެސް ޖަހާ މަންޒަރު ފެނެއެވެ.
ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު ފަހަކަށް އައިސް އެ މީހުން ބޮޑެތި ކުށްތަކަށް އަރައިގަންނަކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރޭގައި މާރާމާރީއާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކަކީ ބިދޭސީން އެކަމުގައި ޝާމިލްވާ މިންވަރު އިތުރުވަމުންދާ މައްސަލަތަކެވެ.
