ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މިދިޔަ މާޗު މަހުގެ 1 ވަނަ ދުވަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.

މީގެއިތުރުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭއިރު އެ މަޝްރޫއަކީ 250 ދުވަސް ތެރޭގައި ނިންމުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫއު މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާ ހަވާލުކުރީ 19.8 މިލިއަން ރުފިޔާއަށް ކަމަށެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަމަޝްރޫއުތަކެއް ނިންމާފައެވެ.