ކޮފީ ބުއިމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބައިނަލްއަގުވާމީ ކޮފީ ބްރޭންޑެއް ކަމަށް ނެސްޕްރެސޯގެ ޕްލާންޓަށް ފޮނުވި ކޮފީއިން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ވާ ކޮކެއިން ފެނިއްޖެއެވެ.

ސްވިޓްޒަލަންޑްގެ ފުލުހުން ބުނީ، ނެސްޕްރެސޯގެ ކާރުހާނާއަކަށް ފޮނުވި ކޮފީ ޝިޕްމަންޓެއްގެ ތެރެއިން، 500 ކިލޯގްރާމްގެ ކޮކެއިން ފެނިފައި ވާ ކަމަށެވެ.

ނެސްޕްރެސޯއަށް ފޮނުވި ކޮފީ ޝިޕްމަންޓްގައި މަސްތުވާތަކެތި ހުރިކަން ހާމަވީ، ކޮފީ ބީންތައް އަޅާފައި ވާ ގޯނިތަކުން، ހުދުކުލައިގެ ކުނޑިތަކެއް ފެނިގެން، ކާރުހާނާގައި މަސައްކަތް ކުރާ ފަރާތްތަކުން، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައި ހިސާބުންނެވެ.

އެއަށްފަހު ފުލުހުން ވަނީ 5 ކޮންޓޭނަރެއްގެ ތެރެއިން މަސްތުވާތަކެތި ހޯދާފައެވެ. އިބްތިދާއީ ހޯދުންތަކަށް ބަލާއިރު، މަސްތުވާތަކެތި ފެނުނު ޝިޕްމަންޓަކީ ބްރެޒީލްއިން ބަރުކުރި ޝިޕްމަންޓެކެވެ.

ނެސްޕްރެސޯއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، އެ ކުންފުނީގެ ހުރިހާ އުފެއްދުންތަކަކީވެސް ބުއިމަށް ރައްކާތެރި އުފެއްދުންތަކެއް ކަމަށާ، ޑްރަގްގެ ތަޣައްޔަރުކަން، އުފެއްދުންތަކަށް ފޯރާފައި ނުވާނެ ކަމަށެވެ.

ނެސްޕްރެސޯއަށް ފޮނުވި ކޮފީ ޝިޕްމަންޓުން ފެނުނު މަސްތުވާތެކެތީގެ "މަގުމަތީ އަގު"، ގާތްގަނޑަކަށް 50 މިލިއަން ޔޫރޯ ނުވަތަ 53 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

ފުލުހުން ލަފާ ކުރާ ގޮތުގައި ކޮފީ ޝިޕްމަންޓްގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ، ވިލާތުގެ ބާޒާރަށް މިސްރާބު އަމާޒު ކޮށްފައި ވާ ތަކެއްޗެވެ.