މާލޭގެ ގަރާޖެއްގައި އޮތް ކާރެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިސްކަންދަރު މަގުގައި ހުރި ގަރާޖެއްގައި އޮތް ކާރެއްގައި ކަމަށެވެ. މި ހާދިސާގައި އެކާރު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ.

ދާދި ފަހުން ވަނީ ގަލޮޅު ރަށްދެބައި މަގުގެ ގޯޅިއެއްގެ ތެރޭގައި ހުރި ގަރާޖެއްގައި ވެސް އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އެ ގަރާޖުގައި ރޯވި އަލިފާނުގެ ސަބަބުން، ގަރާޖުގައި ހުރި ހުރިހާ ތަކެއްޗެއް އަނދާފައި ވާއިރު، އެ އިމާރާތުގެ ފުރަތަމަ ތިން ފަންގިފިލާ ވަރަށް ބޮޑަށް އަނދާފައި ވެއެވެ.

އަދި އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލުތަކަަށްވެސް އަލިފާނުގެ އަސަރުކުރި އިރު، އޭގެ ތެރެއިން ބައެއް ސައިކަލުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.