ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ވަރުގަދަ ތަހުގީގެއް ކޮށް ފައިސާ ހަރަދުކުރި މީހުން ހޯދުމަށް އެމަނިކުފާނުގެ އާއިލާއިން ގޮވާލައިފިއެވެ.

ބޮމުގެ ހަމަލާ ހިނގިތާ އަހަރެއް ފާއިތުވުމާ ގުޅިގެން ރައީސް ނަޝީދުގެ އާއިލާ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުނު އިރުވެސް، އެ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެން ދާތީ، ކަންބޮޑުވާ ކަމަށެވެ. އެ ހަމަލާގެ ބައެއް ބައިވެރިން ހައްޔަރުކޮށް ދައުވާކޮށްފައިވާ އިރު، ހަމަލާގެ ކުރީ ސަފުގައި ފެނުން މީހުންގެ ފުރަގަހުގައި ތިބި ފަސް ހަނގުރާމަވެރިންނާ މެދު އަހަންމިއްޔަތުކަން ދީފައި ނުވާތީ އެކަމަކީ ވެސް ކަންބޮޑުވާ މައްސަލައެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ އާއިލާގެ ފަރާތު އެދިފައި ވަނީ ހަމަލާ ހިންގުމަށް ފައިސާ ހަރަދު ކުރި ފަރާތްތައް ހޯދުމަށްޓަކައި، ވަރުގަދަ ތަހްގީގެއް އަދިވެސް ހިންގުމަށެވެ. މިކަން މިގޮތަށް ކޮށްފައި ނެތުމުން، ރައީސް ނަޝީދުގެ ޖާނާއި އެ މަނިކުފާނު ފަދައިން ޝިކާރައަކަށް ވެފައިވާ އެހެން ފަރާތްތަކުގެ ވަށައިގެން ބިރުވެރިކަމުގެ މާހައުލެއް އުފެދިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެއެވެ.

"ރައީސް ނަޝީދު ޒަޚަމްވެފައި ވަނިކޮށް، ހޮސްޕިޓަލަށް ގެންދިޔަ ހަށިފާރަވެރިންނަށާއި، އެ މަނިކުފާނަށް ފަރުވާދެއްވި މެޑިކަލް ބޭފުޅުންނަށް ޝުކުރު އަދާކުރަމެވެ. އަދި އާންމުންގެ ފަރާތުން ދެއްވި ހިތްވަރާއެކު، ﷲ ގެ އިޒުނަފުޅާއެކު، ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްވެ، ދިރި ލަހައްޓަވާފައި ވާތީ، ޝުކުރު އަދާކުރަމެވެ."
ނަޝީދުގެ އާއިލާއިން ނެރުނު ނޫސް ބަޔާން

މިކަމުގައި އަދުލުއިންސާފު ގާއިމުވެފައި ނެތުމުން، މުޅި މުޖްތަމައުގެ މައްޗަށް ބިރުވެރިކަމުގެ ހިޔަނި އެޅިފައިވާ ކަމުގައި ގަބޫލުކުރާ ކަމަށް އެ އާއިލާއިން ބުނެއެވެ. ސެކިއުރިޓީ ސަބަބުތަކާ ހެދި، ރައީސް ނަޝީދު ހިންގަވާ ހަރަކާތްތައް ހަނިވެފައި ވާތީ، ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނު އަދާ ކުރަން ޖެހޭ ކަންކަން ހުއްޓި، ސިޔާސީ ގޮތުންނާއި، އަދި ގާތްތިމާގެ މީހުންނާއި ރަހްމަތްތެރިންނާ އެކު އެމަނިކުފާނު ކުރައްވަން އެދިވަޑައިގަންނަވާ މުއާމަލާތްތަކަށް ވަނީ ހުރަސްއެޅިފައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފްވެފައެވެ. އަދި އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މި މައްސަލައިގައި މިހާރު ދައުލަތުން ދައުވާ ކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ. މި މީހުންގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށް ދާ އިރު ތަސްލީމާއި އަލިމަނިކުގެ ކުށް ސާބިތުވުމާ މެދު ގޮތެއް ނިންމުން އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ.