ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަމާއި ސިޔާސީ މަޝްހޫރުކަން ހޯދައި ދިނުމަށް އެމްޑީޕީގެ އެތައް ބަޔަކަށް އެތައް އަނިޔާ އެއް ލިބުނުކަން މިހާރު އެމަނިކުފާނު ހަނދުމަފުޅު ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމާއި އަދި އެމްޑީޕީ އެތެރޭގެ އިންތިހާބާ ގުޅިގެން ޕާޓީގައި ދެ ޕެކްޝަނެއް އުފެދި ބަހުގެ ހަމަލާތައް ބަދަލުކުރަމުން އަންނައިރު، ނަޝީދުގެ ޕޮޓޯ ވިއްކައިގެން މަގާމުތަކަށް އައިސްފައިވާ ބަޔަކު އެ ކަމުގެ ހަނދާން ނެތް ކަމަށް ބުނެ އެއްބަޔަކު އަންނަނީ ތުހުމަތުތައްވެސް ކުރަމުންނެވެ.

ރީކޯ ނަޝީދަށް އަމާޒުވާ ގޮތަށް ފާޑު ވިދާޅުވެފައި ވަނީ "އައްޑޫ ޕޮލިޓިކްސް"ގެ ނަމުގައި ޓްވީޓާގައި ހަދާފައިވާ އެކައުންޓަކުން ރައީސް "ނަޝީދު ވިއްކާ، ކައިގެން މެންބަރުކަމަށް އާދެވުމުން ފެންވަރު އޮޅުނު ބައިގަނޑު" ކަަމަށް ބުނެ ފޮޓޯއެއް ހިއްސާކުރުމާ ގުޅިގެން އެކަަމަށް ރައްދުދެއްވައެވެ.

އެ ފޮޓޯގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ތިއްބެވި އިރު އޭގެ ތެރޭގައި އައްޑޫ ހުޅުމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފުގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހިމެނިވަޑައިގަންނަވައެވެ.

ރީކޯ ވިދާޅުވީ އެމްޑީޕީގެ މެންބަރުންނާ ދިމާލަށް "ފޮޓޯ ވިއްކައިގެންނޭ" ބުނެ ތުހުމަތުތައް ކުރާ އިރު "2005 ވަނަ އަހަރާ ހިސާބުގައި ރައީސް ނަޝީދަކީ ކާކުކަން އެނގޭ މީހަކު މި ރާއްޖެއަކު ނޫޅޭ" ކަމަށެވެ.

ރީކޯ އެ އިޝާރާތް ކުރެއްވީ، މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފުވެ، ޕާޓީ ނިޒާމަށް ރާއްޖެ ދީލާލި ދުވަސްވަރަށެވެ. އޭރު ރައީސް ނަޝީދު ހުއްނެވީ އިނގިރޭސިވިލާތުގައެވެ. ނަޝީދު ރާއްޖެ ވަޑައިގެން އެ ހަރަކާތާ ގުޅިވަޑައިގަން އިރު ރާއްޖޭގައި އެ ހަރަކާތް ހިންގަމުން ދިޔައީ ސިޔާސީ މަދު ބަޔެކެވެ.