ފުވައްމުލަކު ބޭރުން ގެއްލުނު ޑައިވަރު ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި ކަނޑުގެ 68 މީޓަރު އަޑިން ޑައިވް ބެލްޓެއް ފެނިފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފިއެވެ.
އެންއެންޑީއެފުން މައުލޫމާތު ހިއްސާ ކުރަމުން ބުނީ، މިއަދު ކޯސްޓްގާޑުގެ ޑައިވަރުން 4 ޑައިވެއް ކޮށްފައި ވާ ކަމަށާއި، މިއަދު ކުރި ޑައިވްއެއްގައި އެ ބެލްޓު ފެނިފައި ވާ ކަމަށެވެ.
މެއި 2 ވަނަ ދުވަހު ފުވައްމުލަކު ބޭރުން ޑައިވް ކުރަނިކޮށް ގެއްލުނު މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ހުއްޓުމެއްނެތި އަދިވެސް ގެންދަނީ ކުރިއަށެވެ.
އޭނާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑު އަޑިން ބަލަމުން ދާއިރު، ކޯސްޓްގާޑް ހާބަރު ޕެޓްރޯލް އުޅަނދުން ކަނޑުގެ ސަރަހައްދު މަތިން ދަނީ ބަލަމުންނެވެ. އަދި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އެމްއެންޑީއެފް ޑޯނިއާއާއި ހެލިކޮޕްޓަރު ވެސް ދަނީ ބޭނުން ކުރަމުންނެވެ.
ޑައިވަރު ގެއްލުނު ސަރަހައްދުގައި ކޯސްޓްގާޑް ޑައިވަރުން ޑައިވް ކުރުމުގެ ތެރޭގައި 59 މީޓަރު އަޑިން ސައީދު މަސް ހިފުމަށް ބޭނުން ކުރިކަމަށް ލަފާކުރެވޭ އާލާތެއް އިއްޔެ ވަނީ ހޯދާފައެވެ. އަދި އެއަށް ފަހު ކަނޑުގެ އަޑިން 550 މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑުގެ ޑައިވިން ޓީމުން ބެލިކަމަށްވެސް ބުނެފައި ވެއެވެ. ސްލޯޕެއްގޮތަށް އުފެދިފައިވާ އެ ސަރަހައްދުގެ ފުންމިނުގައި މި އާލާތް ފެނުނު ޕޮއިންޓުން ފެށިގެން 70 އާއި 100 މީޓަރާ ދެމެދުގެ ފުންމިން ހުންނާނެކަމަށް އެމްއެންޑީއެފުން ވަނީ ލަފާ ކޮށްފައެވެ.
އިއްޔެގެ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް 40 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާއިރު މޫސުން ގޯސްވުމުގެ ސަބަބުން މި އޮޕަރޭޝަންގައި އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް ކޯސްޓްގާޑް ފޯތް ސްކޮޑްރަން އިން ހިންގަމުންދާ މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.
ގެއްލިގެން ހޯދަމުންދާ ސައީދު ޑައިވިނަށް ފޭބީ މެއި 2، 2022 ވަނަ ދުވަހުގެ 14:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއް ކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮންނާނެ ކަމަށް ކޯސްޓްގާޑުން ބުނެއެވެ.
ސައީދު ޑައިވިނަށް ފޭބީ ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށެވެ.