ފުވައްމުލަކު ނެރު ކައިރިއަށް މިއަދު ޑައިވިނަށް ފޭބި ދެ މީހުންގެ ތެރެއިން ހާލު ދެރަވެގެން ފަރުވާ ދެމުންދާ މީހާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ދ. ކަނޑިންމަ ރިސޯޓަށް ގެންގޮސްފިއެވެ.
ޑައިވިނަށް ފޭބި މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުން ދަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ކަޅު ކުލައިގެ ޑައިވިން ސޫޓެއް ލައިގެން ފޭބި އެ މީހާ އާ ބެހޭ މައުލޫމާތު ލިބިއްޖެ ނަމަ، ކޯސްޓްގާޑުގެ ހިލޭ ގުޅޭ ހޮޓްލައިން 191 އާ ގުޅުމަށް އެމްއެންޑީއެފުން އެދެއެވެ.
ފުލުހުންނާއި އެމްއެންޑީއެފުން ދަނީ އޭނާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި މީހަކު ގެއްލުމުގެ އިތުރުން، ޑައިވިނަށް ފޭބި ދެވަނަ މީހާ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުވައްމުލަކު އިރު އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު އަހްމަދު ވަނީ "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދިޔަ ކަމަށް އޭނާ އޭރު ވިދާޅުވިއެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ ޑިރެކްޓަރު މުހައްމަދު ލިރާރު ވިދާޅުވި ގޮތުގައި އެ ހާދިސާގައި ހާލު ދެރަވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ މީހާ އަށް ފަރުވާ ދީފައިވާ ކަމަށާއި، އިތުރު ފަރުވާއަށް އޭނާ ގެންގޮސްފައިވަނީ ދ. ކަނޑިންމަ ރިސޯޓަށް ކަމަށެވެ.
ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި މީގެ ކުރިންވެސް މީހުން ގެއްލުމުގެ ހާދިސާތައް ހިނގާފައި ވާއިރު، މިދިޔަ ޖެނުއަރީ މަހުވެސް ފަތުރުވެރިޔަކު ގެއްލިފައި ވެއެވެ. ހޯދަމުން ދަނިކޮށް އޭނާ ފެނުނީ 15 މީޓަރު އަޑިންނެވެ.