އަކުރުތައް ބަދަލުކޮށް، އަދި ނަން ގެނައުމެއް ނެތި މަންޒަރު ސިފަވާ ގޮތަށް "އިންޑިއާ އައުޓް" ބެނާ ހަރުކުރުމަކީ އެ ބެނާތައް ނެރެން ކޮށްފައިވާ އަމުރަށް ގޮންޖެހުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ދަށުން ރޭ ވެސް އިދިކޮޅުން ވަނީ ޕީޕީއެމްގެ އޮފީހުގައި އިންޑިއާގެ ދިދައިގެ މައި ރަމްޒު ފެންނަ އިރު އޮންނަ ވަށްބުރު، އެގޮތަށް ސިފަވާ ގޮތަށް ބޮޑު އަކުރުން "އައުޓް" ޖަހައި ބެނާއެއް ހަރުކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ ރޭގެ ވަގުތެއްގައި އެ ބެނާ ނަގައިފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، އިންޑިއާގެ ގައުމީ ދިދައާއި އެއް ވައްތަރަކަށް ބެނާ ހަދައި އޭގައި "އައުޓް" ޖެހުމަކީ ހާރިޖީ ގުޅުންތަކަށް އަސަރުކޮށް، އެކަމުގެ ނޭދެވޭ އަސަރު ދިވެހިންނަށް ކުރާނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ ދެމެދު ނުތަނަވަސްކަން އުފެދި ހަމަނުޖެހުމަށް މަގުފަހިވާނެތީވެ އެއީ ގާނޫނީ ކުށެއް ކަމަށްވެސް އެ އަމުރުގައިވެއެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ އެ އަމަލަކީ އިންޑިއާ އައުޓް ބެނާތައް ނަގަން އެ ކޯޓުން ކުރި އަމުރަށް ގޮންޖެހުން ކަމަށެވެ.

އިދިކޮޅުން އިސްނަގައިގެން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއް ނެރުއްވި ފަހުންވެސް އަކުރުތައް ބަދަލުކޮށް އަދި މަންޒަރު ސިފަވާ ގޮތަށް އެކި ފަހަރު މަތިން އިންޑިއާ އައުޓް ބެނާތައް ހަރުކޮށްފައިވާއިރު، އެ ބެނާތައް އެކި ފަހަރު މަތިން ނަގާފައިވެސް ވެއެވެ. އެހެން ނަމަވެސް ހުއްޓުމެއް ނެތި އެ ހަރަކާތް ކުރިއަށް ދާނެ ކަމަށް އިދިކޮޅުން މީގެ ކުރިން ބުނެފައިވެއެވެ.