ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމް އިން ހިންގާ ބެނާ ދެމުމުގެ ހަރަކާތުގެ ދަށުން ޕީޕީއެމް އޮފީސް އިމާރާތުގައި ހަރުކުރި ދެވަނަ ބެނާވެސް ފުލުހުން ނަގައިފިއެވެ.
އިންޑިއާ ދިދައިގެ ކުލަތަކުގެ ފޮތިގަނޑެއްގައި އިންޑިއާ ދިދައިގެ މައި ރަމްޒު ފެންނަ އިރު އޮންނަ ވަށްބުރު، އެގޮތަށް ސިފަވާ ގޮތަށް "އައުޓް" ޖަހާ، ހަރުކޮށްފައި އޮތް އެ ފޮތިގަނޑު ފުލުހުން ނެގީ ރޭ ދަންވާން އުޅެނިކޮށް ކޯޓު އަމުރަކާއެކު އެ ގެއަށް ވަދެއެވެ. އޭރު 23:30 ވެއްޖެއެވެ.
އެ ފޮތިގަނޑު އެ އިމާރާތުގައި ހަރުކޮށްފައި އޮންނަތާ 24 ގަޑި އިރުވެސް ވީ ފަހުން، މީޑިއާތަކުން އެކަން ސަމާލުކަމަށް ގެނައުމާއެކު ފުލުހުން ގޮސް ފޮތިގަނޑު ނެގީ، ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދުގެ މަދު ބަންދުކޮށް ނޫސްވެރިންވެސް ދުރައް ޖައްސާފައެވެ.
އިދިކޮޅު ޕީޕީއެމް އިން އިސްނަގައިގެން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިނަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރައްވާ ސަރުކާރުން ގަރާރެއް ނެރުނު ފަހުން އެ ބެނާތައް ދަމަމުން ގެންދަނީ ކެމްޕެއިންގެ ސްލޯގަން "އިންޑިއާ އައުޓް" ގެ ސްޕެލިން ބަދަލުކޮށް ބައެއް ފަހަރު "INDEAR OUT"، އަނެއްބައި ފަހަރު "IN DEAR OUT" ޖަހައިގެންނެވެ.
އިދިކޮޅުން ދަމާ ބެނޭތައް ފުލުހުން ނަގަމުން ދާއިރު، އިދިކޮޅުން ބުނަނީ "އިންޑިއާ އައުޓް" ދެން ނުހުއްޓުވޭނެ ކަމަށާއި، އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެ ކަމަށެވެ. އިދިކޮޅުން އިންޑިއާއާ ދެކޮޅު ހަރަކާތެއް ހިންގަމުން ގެންދާ އިރު، އެ ހަރަކާތުގެ މުގުލުގައި ހުންނެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންކަން ފާހަގަ ކޮށްލެވެއެވެ.