1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7,111,354.00 (ހަތް މިލިއަން އެއްލައްކަ އެގާރަހާސް ތިންސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން ބުނީ މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 159,290 މީހުން ކަމަށެވެ.

މާލޭ ސިޓީގެ ފަގީރުންގެ ލިސްޓްގައި ހިމެނޭ 1782 މީހުންގެ ތެރެއިން 1780 މީހުންގެ ފައިސާ އެ ފަރާތްތަކުގެ އެކައުންޓްތަކަށް އިއްޔެ ޖަމާކޮށްފައިވާއިރު ބާކީ ތިބި 2 މީހުންނަށް ފައިސާ ޖަމާނުކުރެވިފައިވަނީ އެ މީހުންގެ އެކައުންޓެއްް ނެތުމާއެކު ގުޅޭނެ ގޮތެއް ނެތުމުން ކަމަށެވެ.

މި ރަމަޟާން މަހުވެސް ފިތުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު އިއްޔެގެ ނިޔަލަށް ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 1187.85 ކިލޯއެވެ. އަދި ގޮވާމުން ޒަކާތް ދައްކާފައިވަނީ 3938 މީހުން ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ވާތީ ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުން އަދި ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުން މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށްކުރިއަށް ދާނެ ކަމަށެވެ. އަދި އެ މިނިސްޓްރީއަށް ގޮސްގެންނާއި ބަނޑޭރި ޕޭ މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ ތަކެތި ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ސީއެޗްއެސްއީ ގެ ހޯލުން ކަމަށް މިނިސްޓްރީއިން ބުނެއެވެ.