އ.ދގެ މައި މަރުކަޒުގައި އިއްޔެ އ.ދގެ އާންމު މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިމާމްވެ ކުރެއްވި ހުކުރު ނަމާދުގައި، ފުރަތަމަ ސަފުގައި ނަމާދުކުރަން ހުރި ކުއްޖާއަކީ ފިރިހެން ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން އެއީ ފިރިހެން ކުއްޖެއްކަން ކަށަވަރުކޮށް ދިނީ އެ ކުއްޖާއަކީ އަންހެން ކުއްޖެއް ކަމަށް ބުނެ، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެކުއްޖާގެ ފޮޓޯ ބޭނުންކޮށްގެން ފާޑުކިޔާފައި ވާތީއެވެ.
އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، މިނިސްޓަރު ޝާހިދު އިމާމްވެ އިއްޔެ ކުރެއްވި ހުކުރު ނަމާދުގައި، ފުރަތަމަ ސަފުގައި ނަމާދުކުރަން ހުރި ކުއްޖާއަކީ ރާއްޖެއިން އ.ދ އަށް ފޮނުއްވާފައި ހުންނަ ޑިޕލޮމޭޓެއްގެ ފިރިހެން ދަރިކަލެއް ކަމަށެވެ. ހަގީގަތް ބެލުމެއް ނެތި ކުޑަކުދިންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އެކި މޭރުމުން ވާހަކަ ދެއްކުމަކީ ކުޑަކުދިންގެ ކަރާމާތަށް ގެއްލުން ވާނެ ކަމެއް ކަމަށާއި މިފަދަ ކަންކަން ނުކުރުމަށް ޖެންޑާއިން އިލްތިމާސް ކުރިއެވެ.
އިއްޔެ ޝާހިދު އިމާމްވެ ހުކުރު ކުރެއްވި މަންޒަރު ވަނީ ދައުލަތުގެ މީޑިއާއިން ގެނެސް ދީފައެވެ. ޝާހިދުގެ ހުތުބާ ހާއްސަ ކުރައްވާފައި ވަނީ އިންސާނިއްޔަތު ކަމާއި ރަހުމް ކުރުމުގެ މުހިންމު ކަމާއި، ކީރިތި ރަސޫލާގެ ހަޔާތްޕުޅުންނާއި އަމަލުފުޅުން ކަންކަން ދަސްކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. މިއީ އދ. ގެ މައި މަރުކަޒުގައި އިމާމްވެ ހުކުރު ކުރުމުގެ ޝަރަފު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ. އަދި މިއީ އދ. ގެ އާންމު މަޖިލީހުގެ ރައީސަކު އިމާމުވެ ހުކުރު ކުރެއްވި ފުރަތަމަ ފަހަރު ވެސް މެއެވެ.
އެ ހުކުރުގެ ފޮޓޯތައް އާންމު ވި އިރު ފެންނަ ކުޑަކުއްޖާ ކުއްޖާއަކީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެއިންގެ ފިރިހެން ދަރިފުޅެވެ. ތިލްމީޒާ އާއި އާއިލާގެ ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގައެވެ.