ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓީސީސީން ބުނީ، މިހާރު ކިނޮޅަހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ދަނީ ހާބަރު ބޭސިން އިތުރަށް ފުން ކުރުމުގެ މަސައްކަތް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި ރޭމްޕެއް ހަރުކުރުމާއި 1663.36 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރުބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް އެ މަޝްރޫއުގެ ދަށުން ކުރިއަށްދާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން 45.1 މިލިއަން ރުފިޔާއަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.