މިދިޔަ އަހަރުގެ 4 ވަނަ ކުއާޓާއާ އަޅާބަލާ މިއަހަރު ފުރަތަމަ ކުއާޓައިގާ ބީއެމްއެލްގެ ސާފު ފައިދާ 18 ޕަސެންޓަށް އިތުރުވެ، ސާފު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ އިތުރުވެއްޖެއެވެ.
ބީއެމްއެލްއިން ބުނީ މިދިޔަ ކުއާޓާ އަދި ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރަކުން ކުރިއެެރުން ހޯދައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފައިވާ ކަމަށެވެ.
ބީއެމްއެލްގެ ހިންގުމުގެ ފައިދާގެ ގޮތުގައި 612 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަދަދަކީ މިދިޔަ ކުއާޓާއާ އަޅާބަލާއިރު 10 ޕަސެންޓް ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މިއީ 14 ޕަސެންޓް ކުރިއެރުމެކެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކަށް މި ނަތީޖާ ހާސިލްކުރެވުނީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއި ދޫކުރެވިފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވަމުން ދިޔުމާ ގުޅިގެން އުފެއްދުންތެރި ނޫން ލޯނުތަކަށް ހަދާފައިވާ ޕްރޮވިޒަން ފައިސާ އަނބުރާ އާމްދަނީގެ ތެރެއަށް ވަނުމުން ކަމަށާއި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފާ ކަމަށެވެ. އަދި ނިމިގެންދިޔަ ކުއާޓާގައި ބޭންކުންވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 1 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދަކަށް ލޯނާއި ފައިނޭންސް ދޫކޮށްފައެވެ.
މުޖުތަމައަށް އެހީވުމަށް ބޭންކުން ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބޭންކިން ވިއުގަ ވަނީ އިތުރަށްފުޅާކޮށް 4 ރަށެއްގައި ސެލްފްސާވިސް ބޭންކިން ހިދުމަތް ތައާރަފްކޮށްފައެވެ. އަދި ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތައްވެސް ވަނީ ހިންގާފައެވެ.
މި ނަތީޖާތަކާ ގުޅިގެން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުނުކަމީ ލިބުނު އުފަލެއް ކަމަށާއި ދުނިޔޭގެ މާކެޓަށް އެކި ބަދަލުތައް އައުން އެކަށީގެންވާ ހާލަތެއްގައި އޮތް ނަމަވެސް ބޭންކުގެ ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ހޯދައި ބޭންކަށް ކާމިޔާބު ނަތީޖާއެއް ދަނީ ދެމެހެއްޓެމުން ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސަރވިސް ބޭންކިން ސެންޓަރު، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.