ޕީޕީއެމްއަށް ސޮއިކޮށްފައިވާ އާއިލާއެއްގެ މެމްބަރުންތަކެއް އެ މީހުންނަށް ނޭނގި އަދާލަތު ޕާޓީއަށް ވައްދާފައިވާ ކަމަށާއި، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
ޕީޕީއެމް ބުނީ އެ ޕާޓީއަށް ސޮއިކޮށްފައިވާ ހަތަރު މެމްބަރުންގެ އާއިލާއެއް އަދާލަތު ޕާޓީއަށް ވައްދާފައިވާ މައްސަލައެއް އެ އާއިލާގެ ފަރާތުން ޕާޓީއަށް ހުށަހަޅާފައިވާ ކަމަށާއި އެ އާއިލާގެ ހަތަރު މެމްބަރުންގެ ނަމުގައި އަދާލަތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުގައި ގުޅޭނެ ކަމަށް ބުނެފައިވަނީ ރަޖިސްޓްރީ ކޮށްފައިވާ ނަމްބަރެއް ނޫން ކަމަށާއި ހެކިންގެ ގޮތުގައި ސޮއި ކޮށްފައިވާ މީހުންގެ ނަމްބަރަށް ގުޅުމުން އެއީ ވެސް އޮޅުވާލައިގެން ލިޔެފައިވާ ނަމްބަރު ތަކެއްކަން ސާފުވެފައިވާ ކަމަށެވެ.
މީގެއިތުރުން އެ ފޯމުގައި ޖަހާފައިވާ ފިންގަޕްރިންޓާއި އެ އާއިލާގެ ފިންގަޕްރިންޓާ ދިމާނުވާ ކަމަށް ޕީޕީއެމްއިން ބުނެއެވެ.
އެ މައްސަލައިގައި އެ އާއިލާގެ ފަރާތުން ވާހަކަދައްކާފައިވާ ވީޑިއޯއެއް ވެސް ޕީޕީއެމް އިން ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯގައި އެމީހާ ބުނީ ޝަރީއަތުގައި އެ މައްސަލަ ޖައްސަން ބޭނުންވާ ކަމަށާއި އޭގާ އިނީ އޭނާގެ ޕިންގާޕްރިންޓް ނޫން ކަމަށެވެ. އަދި އެއީ މީހެއްގެ ފައިގެ ބޮޑުވާތް އިނގިލިން ޖައްސާފައި އޮތް އެއްޗެއް ކަމަށެވެ.
އެކަމާ ގުޅިގެން އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ ދަފްތަރުގައި ނަން ހިމަނަން އެދި ޕާޓީއަށް ލިބޭ ހުރިހާ ފޯމުތަކެއް ވެސް އިލެކްޝަންސް އަށް ހުށަހަޅަމުން އަންނަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް، ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އަދި އެ ޕާޓީއަށް ލިބޭ ފޯމެއް ސައްހަ ނޫންކަން އެނގިއްޖެނަމަ އެފަރާތެއްގެ ނަން އެ ޕާޓީގެ ދަފްތަރުން މިހާރުވެސް އަންނަނީ އުނިކުރަމުން ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.