ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް ނެޓްވޯކިންގް ޕްލެޓްފޯމްތަކުގެ ތެރޭގައި ގުނާލެވޭ ޓްވިޓާއިން ތަފާސް ހިސާބުތައް ހާމަ ކުރުމުގައި ނުބައި މައުލޫމާތު ފޯރުކޮށްދީފައި ވާ ކަމަށް އެ ކުންފުނިން އިއުތިރާފު ވެއްޖެއެވެ.

2019 ވަނަ އަހަރުން ފަށައިގެން ކޮންމެ ދުވަހަކުވެސް ގަވައިދުން ޓްވިޓާ ބޭނުން ކުރާ މީހުންގެ އަދަދު 1.9 މިލިއަނަށް އިތުރުވެފައި ވާ ކަމަށް އެ ކުންފުނިން ބުނެފައި ވާއިރު، އެއީ ހަގީގީ އަދަދުތަކެއް ނޫން ކަމަށާ، އެ ތަފާސް ހިސާބުތަކުގައި އޮޅުމެއް ވާ ކަމަށް ޓްވިޓާ ކުންފުނިން ވަނީ އިއުތިރާފުވެފައެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މަހުޖަނު އީލޯން މަސްކު، 44 ބިލިއަން ޑޮލަރަށް ޓްވިޓާ ކުންފުނީގެ ކޮންޓްރޯލް ގަތުމަށް ހުށަހެޅި ހުށަހެޅުމަށް، އެ ކުންފުނިން އެހާ ފަސޭހައިން އެއްބަސްވީވެސް، މި ސަބަބާ ހެދި ކަމަށް ގަބޫލު ކުރެވެއެވެ.

ޓްވިޓާ ކުންފުނިން ބުރާސްފަތި ދުވަހު އާންމު ކުރި 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ ރިޕޯޓްގައި ބުނެފައި ވަނީ، ފާއިތުވީ 3 އަހަރު ދުވަހު، އެކުންފުނިން ޔޫޒާޒް ހިސާބު ކުރުމުގައި ގޯސް ހެދިފައި ވާ ކަމަށެވެ. އެކަން އެހެން ދިމާވީ، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ގުޅިފައިވާ އެކައުންޓްތަކަށް އަސަރު ކޮށްގެން ކަމަށްވެސް ޓްވިޓާ ކުންފުނިން ވަނީ ބުނެފައެވެ.

"އޮޅުން އަރާފައިވާ" އަދަދުތަކުން ޔޫޒޭޖު ނަމްބަރުތައް ދީފައި ވަނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ނިޔަލަށެވެ.

މިއީ ޓްވިޓާއިން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2017 ވަނަ އަހަރުވެސް ޓްވިޓާއިން ވަނީ، އޭގެ ކުރީ 3 އަހަރު، ޔޫޒާޒް ހިސާބު ކުރުމުގައި ހަގީގީ އަދަދުތަކަށް ވުރެ ބޮޑެތި އަދަދުތަކެއް ބޭނުން ކޮށްފައެވެ.