އިންތިހާއަށް ނުރައްކާ 7 މައްސަލައަކާއެކު ސަލާމަތީ ގޮތުން ފޫނުބެދިވާ 30 މައްސަލައެއް ފާހަގަކޮށް، ކްރޯމް ބޭނުން ކުރާ ފަރާތްތަކަށް ގޫގްލްއިން އިންޒާރު ކޮށްފިއެވެ.

ކްރޯމް ބޭނުން ކުރަމުންދާ އެތައް ބިލިއަން ޔޫޒާސްއަކަށް ހެކަރުންގެ ހަމަލާ، ކާމިޔާބު ކަމާއެކު އަމާޒު ކޮށްފައި ވާ ކަމަށް ގޫގްލްއިން ވަނީ އިންޒާރު ކޮށްފައެވެ.

ގޫގްލްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މައްސަލަ ހައްލު ކުރުމަށް އަޕްޑޭޓެއް ރިލީޒް ކުރާނެ ކަމަށާ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަސްޓަމަރުންނަށް އަޕްޑޭޓް ލިބޭނެ ކަމަށެވެ. އަދި ސެޓިންގްސް ގައި ވާ އަޕްޑޭޓް ފަންގްޝަން ބޭނުން ކޮށްގެން އަޕްޑޭޓް ކުރެވޭނެ ކަމަށް ގޫގްލްއިން ބުނެއެވެ. ނަމަވެސް، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބްރައުޒާ އަމިއްލައަށް އަޕްޑޭޓް ވާނެ ކަމަށްވެސް ގޫގްލް އިން ވަނީ ބުނެފައެވެ.

ގޫގްލްއިން ބުނީ ބަގްގެ ހަމަލާ، ވިންޑޯޒް، މެކްއޯއެސް އަދި ލިނަކްސް ބޭނުން ކުރާ ފަރާތްތަކަށްވެސް ފޯރާފައި ވާ ކަމަށެވެ. ނަމަވެސް ހެކް ކުރުމުގެ ފަހަތުގައި އޮތީ ބައެއްކަން ގޫގްލްއިން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އަދި ހަމަލާގެ ސަބަބުން، ކަސްޓަމަރުންގެ ސަލާމަތަށް އެއްވެސް ވަރެއްގެ ނުރައްކަލެއް ކުރިމަތި ވެފައި ވާ ކަން ނުވަތަ ނޫން ކަންވެސް ގޫގްލް އިން ސާފު ކޮށްދީފައެއް ނުވެއެވެ.

ގޫގްލް އިން މިހާރު ދަނީ، ސާޗް ފަންގްޝަން ބޭނުންކޮށްގެ ޒާތީ މައުލޫމާތު ހޯދޭނެ ދާއިރާތައްވެސް ހަނި ކުރަމުންނެވެ. އަދި އަމިއްލަ ރުހުމުން ބޭރުގައި ނަގާފައި ހުންނަ ފޮޓޯތައް ޑައުން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ގޫގްލް އިން ދަނީ ތައްޔާރު ވަމުންނެވެ.