ޔޫކްރައިން ހަނގުރާމާގައި ގައިދުވެފައިވާ އެތައް ހާސް ރައްޔިތުންނެއް ރައްކާތެރި ކަމާއެކު އެހެން ސަރަހައްދުތަކަށް ބަދަލު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން، ޔޫކްރައިންގެ ވެރިރަށް ކިއޭވްއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ އދގެ ސެކްރެޓަރީ އެންޓޯނިއޯ ގުޓެރޭޒް ހުންނެވި ސަރަހައްދާ ދާދި ކައިރިއަށް ރަޝިއާއިން މިސައިލް ހަމަލާ ދިނުމާ ގުޅިގެން އދއިން ބަޔާނެއް އާންމު ކޮށްފިއެވެ.

ކިއޭވްގައި ހުންނެވި ގުޓެރޭޒްއާ ދާދި ގާތުން ދިން މިސައިލް ހަމަލާގެ ސަބަބުން ސިހުން ގެނުވާ ކަމަށް އދގެ ބަޔާނުގައިވެއެވެ. ކިއޭވްއަށް ދިން ހަމަލާއިން، އދގެ ހުރިހާ މެންބަރުންވެސް ސަލާމަތްވެފައި ވާ ކަމަށް، އެ އިދާރާގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ. ބުރާސްފަތި ދުވަހުގެ އެ ހަމަލާއަކީ، ރަޝިއާގެ ފައުޖުތަކުން މީގެ ހަފުތާތަކެއް ކުރިން ކިއޭވް ސަރަހައްދުން ފަހަތަށް ޖެހުނު ފަހުން، އެ ސިޓީއަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ.

އިންސާނީ އެހީއާ ބެހޭ އދގެ އޮފީހުގެ ތަރުޖަމާނު ސަވިއާނޯ އެބްރޯ ވިދާޅުވީ، އެއީ ހަނގުރާމައިގެ މައިދާނެއް ކަމުގައި ވީ ނަމަވެސް، އެހާ ކައިރިއަށް ހަމަލާ ދިނުމުން ސިހުން ގެނުވާފައި ވާ ކަމަށެވެ. އދގެ ޓީމުން ހަރަކާތްތެރިވަމުން ދިޔަ ސަރަހައްދާއި ހަމަލާ އަމާޒު ކުރި ސަރަހައްދާ ދެމެދު ހުރީ ކިހާ ދުރުމިނެއް ކަމެއް އދއިން ހާމަކޮށްފައެއް ނުވެއެވެ.

ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީވެސް ވަނީ ރަޝިއާގެ އެ ހަމަލާ ކުށްވެރި ކުރައްވާފައެވެ.

އދއާއި ޔޫކްރައިން ސަރުކާރާ ދެމެދު މަޝްވަރާތައް ނިންމާލިތާ މާ ގިނައިރެއް ނުވެ، ރަޝިއާގެ 5 ހަމަލާއެއް އެ ސަރަހައްދަށް އަމާޒުވިކަން ޒެލެންސްކީ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ހަމަލާތަކަކީ، އދގެ ލަދުގަންނަވާލުމަށް ރަޝިއާއިންގެ ލީޑާޝިޕުން ކުރަމުންދާ މަސައްކަތާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ބުނެދޭ ހަމަލާތަކެއް ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އެ ހަމަލާތަކަކީ، އެއާ އެއްފަދަ، ބާރުގަދަ ރައްދު ހަމަލާތަކެއް ދޭން ޖެހޭ ހަމަލާތަކެއް ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ކިއޭވްގައި ޒެލެންސްކީއާއެކު ގުޓެރޭޒް މަޝްވަރާ ކުރައްވާފައި ވާއިރު، އޭނާ ވަނީ ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާއެކު އަންގާރަ ދުވަހު މަޝްވަރާ ކުރައްވާފައެވެ.