އަވަށްޓެރި އިންޑިއާއާ ދެކޮޅަށް ދިވެހިރާއްޖޭގައި އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތަކީ، ކުރިއަށް އޮތް އިންތިހާބުގައި ކާމިޔާބު ހޯދުމަށް ކުޅޭ ކާޑެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް، ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޑިއާގެ ދުވަހު ނޫހެއް ކަމަށް ވާ ވިއޯންއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ހިންގާ ކެމްޕެއިނަކީ އިންތިހާބަށް ކުޅޭ ކާޑެއް ތޯ ނުވަތަ އެކަމުގައި ބޭރުގެ އަތެއް ވޭތޯ ވިއޯންއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެ ކެމްޕެއިނަކީ އިންތިހާބަށް ކުޅޭ ކާޑަކަށް ނުވާނެ ކަމަށާ، އެހެނީ އެފަދަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ރައްޔިތުން ނޭދުން ކަމަށެވެ. އަދި ކެމްޕެއިންގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ކުރާ ދަތުރުތަކާއި، ކެމްޕެއިންތަކުގައި ބޭނުން ކުރަމުން ދާ ޓީޝާޓްތަކަށް ފަންޑު ހޯދާ ގޮތަކާ ބެހޭ މައުލޫމާތު، ކަމާ ބެހޭ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ ކަން ޔަގީން ކުރައްވާ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެއީ ޗައިނާއަށް އަމާޒު ކުރެއްވި އިލްޒާމެއްތޯ ވިއޯންއިން ސުވާލު ކުރުމުން ޖަވާބުގައި ނަޝީދު ވިދާޅުވީ، އެފަދައިން އެމަނިކުފާނު ވިދާޅުވުމުގެ ކުރިން، އެކަމާ ގުޅޭ ތަހުގީގެއް، ފުލުހުން ފަށަން ޖެހޭ ކަމަށެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދު ނުކުރާނެ ކަމަށާ އެހެން ވިދާޅުވެގެންވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ އިތުރު ވޯޓެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެނީ ދިވެހިންނާއި އިންޑިއާ ރައްޔިތުންނަކީ އެކައްޗެއް ކައިގެން، އެއް ފިލްމެއް ބަލައިގެން، އެއް ފޮތެއް ކިޔައިގެން އުޅޭ އެއް ކަހަލަ ބައެއް ކަމަށާ، ވީ އިރު، އިންޑިއާ މީހެއް ގާތު ގައުމުން ފައިބައިގެން ދިއުމަށް ދިވެއްސަކު ބުނަން ވީ ކީއްވެތޯ ނަޝީދު ވަނީ ސުވާލު ކުރައްވާފައެވެ.

އިންޑިއާގެ އާއިލާތަކާއި ޑޮކްޓަރުންނާއި ޓީޗަރުންނާއި އެކައުންޓަންޓުން ދަނީ ދިވެހިރާއްޖޭގެ އިގުތިސޯދީ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވިދާޅުވެ، ނަޝީދު ވަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާއިތުވީ ބައި ގަރުނު، ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އަދާކޮށްފައި ވާ އިންވެސްޓްމަންޓްތައް ފާހަގަ ކުރައްވާފައެވެ. ނަތީޖާއަކަށް ވީ ބިލިއަން ޑޮލަރުގެ ސިނާއަތެއް ރާއްޖޭގައި ގާއިމުވުން ކަމަށާ، އެކަމަކީ ވިޔަފާރިވެރިން ބަލައިގަންނަ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ އެއްވެސް ހާލެއްގައި ދިވެހިންގެ މެދުގައި މަގުބޫލު ކެމްޕެއިނެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މުގުލުގައި ހުންނަވައިގެން އުފައްދަވާފައިވާ "މައްސަލަ" އެއްކަމަށްވެސް ނަޝީދު ވަނީ ސިފަ ކުރައްވާފައެވެ. ހިޔާލު ފާޅު ކުރުމަކީ ހައްދެއް ނެތް ކަމެއް ނޫން ކަމަށާ، ހިޔާލު ފާޅު ކުރުމުގެ ނަމުގައި ނަފުރަތުގެ ޖަރީމާ ހިންގުމާ، ހަމަޖެހުން ނަގާލާ، ބައިބައިވުން އުފައްދަން ފުރުސަތު ނެތް ކަމަށްވެސް ވިއޯންއަށް ދެއްވި ބަސްދީގަތުމުގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.