ށ. ނަރުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ ދަށުން ށ. ނަރުދޫ ބަނދަރުގައި ޓީ ޖެޓީއެއް ތަރައްގީކޮށް ބަނދަރުގެ ޖާގަ މިހާރަށްވުރެ ދެގުނަ ބޮޑުކުރެވިގެން ދާނެ ކަމަށާއި އެގޮތުން އެ މަޝްރޫއު ނިމޭއިރު ބަނދަރުގެ ޖުމްލަ ދިގުމިނުގައި 786 ފޫޓު ހުންނާނެ ކަމަށެވެ. އަދި ޖުމްލަ 210 މީޓަރުގެ އެއްގަމުތޮށި ތަރައްގީކުރުމާއި ލޭންޑިން ކްރާފްޓް ފަދަ އުޅަނދުފަހަރު ކައިރިކުރުމަށް ރޭމްޕް ތަރައްގީކުރުމާއީ އަދި ބަނދަރު ބޭނުންކުރާ އުޅަނދުފަހަރު ވާ އެއްސުމަށް ބޮއި ހަރުކުރުމުގެ އިތުރުން ބަނދަރުދިއްލުން އެ މަޝްރޫއުގެ ދަށުން ހިމެނެއެވެ.

އެ މަޝްރޫއު ނިމިގެންދާއިރު މިހާރު ބޭނުންކުރަމުން އަންނަ ނެރު ބަދަލުކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން ނެރުގެ ދެފަރާތުގައި ބޮޑުހިލައިން ފައިކަށިލުމާއި 371 މީޓަރު ދިގުމިނުގައި ކަނޑުތޮށި ލުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު ބަނދަރު ކޮނެގެން ނެގޭ ވެލި އެޅުމަށްފަހު 205 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި އެސަރަހައްދު ހިމާޔަތް ކުރުންވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫގެ އަގަކީ 43،829،602.92 މިލިއަން ރުފިޔާއެވެ. އަދި އެ މަޝްރޫއަކީ 365 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.