އިންޑިއާ ސަރުކާރުގެ ލޯނު އެހީގެ ދަށުން ޅ. ފެލިވަރު ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަޝްރޫއުގެ ޕްރީކޮލިފިކޭޝަން މަރުހަލާ ނިމި ބީލަމުގެ މަރުހަލާ ފަށައިފިއެވެ.
އެ މިޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިން ފެސިލިޓީއާއި ރެފްރިޖަރޭޓަޑް ސީ ވޯޓާ ފެސިލިޓީއާއި މި ކަންކަމާ ގުޅޭ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކުރެވިގެންދާނެ ކަމަށް އިކޮނަމިކް މިނިސްޓްރީއިން ބުނެއެވެ.
އެ މަޝްރޫއުގެ ދަށުން ގއ.ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމުކުރެވިގެންދާއިރު އެކަމުގެ ސަބަބުން މިފްކޯގެ ގޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ 48 ޕަސެންޓް އިތުރުވެގެން ދާނެ ކަމަށާއި ފްރީޒިން ކެޕޭސިޓީ 37 ޕަސެންޓަށް އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މަސްވެރިން ބާނާ މަސް ފަސޭހަކަމާއެކު ކިރުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ މަސް ގަނޑުކުރުމާއި ގަނޑުކުރުމަށްފަހު ރައްކާކުރާ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުން ކަމަށްވާއިރު އެ މަޝްރޫއުގެ ދަށުން ގާއިމުކުރެވޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި 200 ޓަނުގެ ފްރީޒިން ފެސިލިޓީގެ ސަބަބުން މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.