އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދގެ މައި މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ނަމާދު ކުރައްވަނީ އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާ އަބްދުﷲ ޝާހިދު ކަމަށް ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އދ ގެ މައި މަރުކަޒުގައި ކޮންމެ ހުކުރު ދުވަހެއްގައި އިސްލާމީ ގައުމުތަކުގެ މަންދޫބުންނާއި އ.ދ ގައި މަސައްކަތްކުރާ މުސްލިމު މުވައްޒަފުން ޖަމާޢަތުގައި ހުކުރު ނަމާދުކުރާ ކަމަށެވެ.

އެގޮތުން މާދަމާ އދ ގެ މައި މަރުކަޒުގައި ޝާހިދު އިމާމުވެ ހުކުރު ނަމާދު ކުރައްވާއިރު ނިއުޔޯކުގައި ހުކުރު ނަމާދު ކުރާ ގަޑި ދިމާވަނީ ރާއްޖެ ގަޑިން ހުކުރު ދުވަހުގެރޭ 10 ޖަހާއިރަށެވެ.

މިއީ އދގެ މައި މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ޝަރަފު ދިވެއްސަކަށް ލިބޭ ފުރަތަމަ ފަހަރެވެ.