ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަލަށް ކުޑަކުދިންގެ ވޯޑެއް ގާއިމްކުރުމާއި މަރުކަޒުގެ ބަދިގެ ތަރައްގީކޮށް ޒަމާނީ ކުރުމާއި މިތަނުގައި ގާއިމްކޮށްފައިވާ ލައިބްރަރީ އިތުރަށް ފުރިހަމަ ކުރުމުގެ އިތުރުން މުވައްޒަފުން ބޭނުންކުރާނެ ހާއްސަ ތަނެއް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިއީ މިއަހަރު ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މަރުކަޒަށް ބޮޑު ބަދަލުތަކެއް ގެނެސް، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންނަ ބަދަލުތަކަކީ ކަމާ ބެހޭ މިންގަނޑުތަކަށް ފެތޭ ކަންކަމަށް ވާނެ ކަމަށާއި އެ މަރުކަޒަށް ގެނެވޭ ބަދަލުގެ ސަބަބުން މި ތަން ބޭނުންކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުމަކީ އުންމީދެއް ކަމަށް ޓިމް ސޯޔާ ވިދާޅުވިއެވެެ.

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ބީއެމްއެލްއިން ދަނީ ކޮންމެ މަހަކު މުޖުތަމައަށް ފައިދާ ކުރާ މުހިންމު ކަންކަން ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސްމޯލް ގްރާންޓްސް، ހައުސިން ގްރާންޓް، ބީއެމްއެލް ސްޓާޓަޕް ގްރާންޓް އަދި ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލު ގެނައުމުގެ އިތުރުން ބީއެމްއެލް ސްކޮލާޝިޕް ފަންޑުގެ ހަރަކާތެވެ.