ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސައިފި އެވެ.

ބީއެމްއެލްގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް މިއަދު ހަމަޖެއްސީ މީގެ ކުރިން ކާބުލްގެ ގާޒަންފަރު ބޭންކުގެ އިންޓާނަލް އޮޑިޓަރުގެ މަގާމުގައި ހުންނެވި ބިޝްވަޖިތު މަޒުމްދާރެވެ.

ބީއެމްއެލްއިން ބުނީ ބިޝްވަޖިތު އަކީ އިންޓާނަލް އޮޑިޓިން ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާއިން 35 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށާއި އޭނާގެ ޕްރޮފެޝަނަލް ކެރިއާގައި ގިނަ ބޭންކުތަކެއްގައި ޗީފް އޮޓިޑް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. މީގެ ތެރޭގައި އަފްޣާނިސްތާން އިންޓަނޭޝަނަލް ބޭންކް، ސްޓޭޓް ބޭންކް އޮފް މޮރިޝަސް، އައިއެންޖީ ބޭންކް ލިމިޑެޓް، ބެންގަލޯރު ހިމެނެއެވެ.

ސެންޓްރަލް ބޭންކް އޮފް އޮމާންގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމުވެސް އަދާކުރެއްވި ބިޝްވަޖިދު މީގެކުރިން ހުންނެވީ ކާބުލްގެ ޣާޒަންފަރު ބޭންކުގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމުގައެވެ.

މި މަގާމަށް ބިޝްވަޖިތު އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އިންޓާނަލް އޮޑިޓިންގެ ދާއިރާގެ އިތުރުން ކޯޕަރޭޓް ގަވަރުނަންސް، ރިސްކް މެނޭޖްމަންޓް އަދި ކޮންޕްލައަންސްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ބިޝްވަޖިތު ހޯދާފައިވާ ކަމަށާއި ލީޑާޝިޕް ޓީމާއި ބިޝްވަޖިތު ގުޅިވަޑައިގަތުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވަން އަދި މި މަގާމުގައި އޭނާ އަށް ކާމިޔާބަށް އެދޭ ކަމަށެވެ.