އެމްޓީސީސީގެ ޑްރެޖަރުގެ ވަޒީފާތަކާއި އަދި ބަސް ޑްރައިވަރުން ތަމްރީން ކުރުމަށް "ޖޮއިން ޓީމް އެމްޓީސީސީ ކެމްޕެއިން 2022" ރަސްމީކޮށް މިއަދު އިފްތިތާހް ކޮށްފިއެވެ.

އެމްޓީސީސީ ހެޑް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޓީސީސީގެ ފަރާތުން، އަންނަ މަހުގެ 3 ވަނަ ދުވަހުން 22 ވަނަ ދުވަހާ ހަމައަށް ބާއްވަން ހަމަޖެހިފައިވާ ރެކްރޫޓްމަންޓް އޯޕަން ޑޭގެ މައުލޫމާތު ހިއްސާކޮށް ދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އެމްޓީސީސީން ބުނީ، ރެކްރޫޓްމަންޓް އޯޕަން ޑޭ ގެ މަގްސަދަކީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޒަންގެ ޑްރެޖާތަކާއި ކުންފުނީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާ ކުރުމަށްޓަކައި މި އަހަރުގެ ޖޫން މަހު ގެނައުމަށް ހަމަޖެހިފައި ވާ 34 ބަސް ދުއްވާނެ މުވައްޒަފުން ރެކްރޫޓް ކުރުން ކަމަށެވެ.

ކުންފުނީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމަށްޓަކައި ގެންނަ 34 ބަސް ދުއްވުމަށް ހަމަޖެހިފައި ވަނީ، ސ. ފޭދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލަށް، ލ. ގަން އަދި ލ. އިސްދޫގައި ކަމަށް އެމްޓީސީސީން ބުނެއެވެ. މިވަގުތު ބަހުގެ ހިދުމަތް ދެމުން ދަނީ ހަމައެކަނި ސ. ފޭދޫގައި ކަމަށް ވިޔަސް، އާ ބަސްތައް ގެނައުމާ އެކު ދެން ހުރި ރަށްރަށަށް ވެސް ހިދުމަތް ފުޅާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބަސް ދުއްވަން ނޭނގޭ ފަރާތްތައް ހުނަވަރު ޕްރޮގްރާމްގެ ދަށުން 3 މަސް ދުވަސް ތެރޭ ތަމްރީން ކުރެވި ލައިސެންސް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި ތަމްރީން ކާމިޔާބު ކަމާއެކު ނިންމާ ލައިސަންސް ލިބޭ ފަރާތްތަކަށް 14،000 ރުފިޔާއާއި 18،000 ރުފިޔާގެ މުސާރައަކާ އެކު ބަސް ޑްރައިވަރުގެ ވަޒީފާ ހަމަޖެހިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ޕްރޮގްރާމްގެ ދަށުން، ޖުމްލަ 22 ބަސް ޑްރައިވަރުން ރެކްރޫޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު ޑްރެޖާ ބޭނުން ކުރުމަށްޓަކައި، ޖުމްލަ 65 ފަރާތެއް ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ޑްރެޖް މާސްޓާ، ޑްރެޖް އޮޕަރޭޓާ، ޑްރެޖް މެކޭނިކް، ޑްރެޖް ކްރޫ، ޓަގް އޮޕަރޭޓާ، ޓަގް ކްރޫ، ވެލްޑާ އަދި ޑްރެޖް ސުޕަވައިޒު ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެ ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާ ފަރާތްތަކަށް 10،000 ރުފިޔާ އާއި 33،000 ރުފިޔާ ދެމެދުގެ މުސާރައަކާ އެކު އެމްޓީސީސީން ވަޒީފާ ހަމަޖެހިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ރެކްރޫޓްމަންޓް އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހދ. ކުޅުދުއްފުށި، ހދ. ނޮޅިވަރަންފަރު، ސ. ފޭދޫ، ސ. ހިތަދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލަށް، ލ. ގަން، ލ. އިސްދޫ، ށ. ފުނަދޫ، ޅ. ހިންނަވަރު އަދި ޅ. ނައިފަރުގައެވެ. އެގޮތުން މެއި 3 ގައި ހދ. ކުޅުދުއްފުށި، މެއި 4 ގައި ހދ. ނޮޅިވަރަންފަރު، މެއި 9 ގައި ސ. ފޭދޫ އާއި ސ. ހިތަދޫ، މެއި 10 ގައި ސ. ހުޅުމީދޫ، މެއި 12 ގައި ޏ. ފުވައްމުލަށް، މެއި 14 ގައި ލ. ގަން، މެއި 15 ގައި ލ. އިސްދޫ، މެއި 18 ގައި ށ. ފުނަދޫ، މެއި 21 ގައި ޅ. ހިންނަވަރު އަދި މެއި 22 ގައި ޅ. ނައިފަރު ގައި އޯޕަންޑޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމާއި ބެހޭ އިތުރު މައުލޫމާތު ކުންފުނީގެ ސޯޝަލް މީޑިއާގައި ޝާއިއު ކޮށްފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކުންފުނީގެ ހޮޓްލައިން 1650 އިން ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ބުނެއެވެ.