ޔޫކްރައިން ހަނގުރާމައަށް ބޭރުގެ ފަރާތަކުން ނުފޫޒު ފޯރުވަނީނަމަ، ގަދަ ވިދުމެއްހާ ހަލުވި ދުވެލީގައި އެ ބަޔަކަށް ރައްދު ދެއްވާނެ ކަމުގެ އިންޒާރު، އިސްވެ ހަނގުރާމަ ފެއްޓެވި ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ދެއްވައިފިއެވެ.

އެއްވެސް ބަޔަކަށް އެ ފަދަ ވަރުގަދަ ކަމެއްގެ ވާހަކަ ނުދެއްކޭ ފެންވަރުގެ އާލާތްތައް ރަޝިއާއަށް ލިބިފައި ވާ ކަމަށް ވިދާޅުވަމުން ޕޫޓިން ވަނީ، ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި އެތަކެތީގެ ބޭނުންވެސް ކުރައްވާނެ ކަމަށް އިންޒާރު ކުރައްވާފައެވެ. ބެލެވޭ ގޮތުގައި ޕޫޓިން އެ ރިއާޔަތް ކުރެއްވީ ބެލިސްޓިކް މިސައިލްއާއި ނިއުކްލިއާ ހަތިޔާރުތަކަށެވެ.

މި ދަނޑިވަޅަކީ ބައިނަލްއަގުވާމީ މައިދާނުގައި ޔޫކްރައިންއަށް އެއްބާރުލުން ދޭ ގައުމުތަކުން އެ ގައުމަށް ފޮނުވާ އަސްކަރީ އެހީ، ވަރުގަދަ ކުރަމުން ދާ ދަނޑިވަޅެކެވެ. އަދި އެމެރިކާއިންވަނީ ޔޫކްރައިނުން ރަޝިއާ ބަލި ކުރާނެ ކަން ކަށަވަރު ކުރާނެ ކަމަށް، އެމެރިކާއިން ވަނީ ވައުދުވެފައެވެ.

ފެބުރިއަރީ 24 ވަނަ ދުވަހު ޕޫޓިންގެ އަމުރުފުޅަކަށް ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ ހަނގުރާމަ ފަށާ، ވެރިރަށް ކިއޭވް ހިފަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން، ރަޝިއާގެ ފައުޖުތައް މިހާރު މަސައްކަތް ކުރަމުން ދަނީ އިރުމަތީ، ޑޮންބާސް ސަރަހައްދު ހިފުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ކަމުގައި ވެސް ރަޝިއާއަށް ކާމިޔާބު ލިބުން ދަތި ވެފައި ވާ ކަމަށް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މުހާތަބު ކުރައްވަމުން ޕޫޓިން ވަނީ، ބޭރުގެ އެއްވެސް ފަރާތަކުން ޔޫކްރައިންއަށް ނުފޫޒު ފޯރުވާ، އިސްތިރާޖީ ގޮތުން ރަޝިއާއަށް ނުރައްކާ ކުރިމަތި ކުރުވާ ކަމުގައި ވަނީ ނަމަ، ރަޝިއާގެ ރައްދު ވެގެންދާނީ، ވިދުމެއްހާ ހަލުވި ރައްދަކަށް ކަމަށް އިންޒާރު ކުރައްވާފައެވެ.

އެ ރައްދަކީ ކޮބައިކަން މިހާރުވެސް އޮތީ ނިމިފައި ކަމަށް ޕޫޓިން ވިދާޅުވިއެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ޕޫޓިން ހާމަ ކުރައްވާފައެއް ނުވެއެވެ.

ޔޫކްރައިންގައި ރަޝިއާއިން ހަނގުރާމަ ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ޕޫޓިން ވަނީ ރަޝިއާގެ ނިއުކްލިއާ ފައުޖުގެ އެލާޓް ލެވަލް މަތި ކުރައްވާފައެވެ.

ރަޝިއާގެ ހަނގުރާމައާ ގުޅިގެން އެ ގައުމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކޮށް، އެކަހެރި ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ހަނގުރާމަ ހުއްޓާލާނެ ކަމުގެ އިޝާރާތެއް، ރަޝިއާއިން އަދި ދީފައެއް ނުވެއެވެ.