ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޔޫއެންއޯޑީސީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑްއަށް 2 ރިބް އާއި ކޯސްޓްގާޑް އުޅަނދުތަކުގެ ނިޔަމިކަމަށް ބޭނުންވާ އާލާތްތައް އަދި މެރިޓައިމް ޑޮމެއިން އެވެއާނެސް އަށް ބޭނުންވާ ބައެއް އާލާތްތައް ހަދިޔާ ކޮށްފިއެވެ.

ހުޅުމާލޭ ކޯސްޓްގާޑް ސަރަހައްދުގައި ބޭއްވި މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ޔޫއެންއޯޑީސީ ޕްރޮގްރާމް ކޯޑިނޭޓާ އަދި ޖަޕާންގެ އެމްބެސެޑާ ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާ އާއި ދެމެދު ހަނދާނީ ފިލާ ބަދަލުކޮށްފައިވާ ކަމަށެވެ. ރަސްމިއްޔާތު ނިމިގެން ދިޔައީ ރިބް ދުއްވާލުމުގެ ޑެމޯންސްޓްރޭޝަން އަކުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، ޖަޕާން ސަރުކާރު އަދި ޔޫއެންއޯޑީސީގެ ފަރާތުން އެމްއެންޑީއެފެ ކޯސްޓްގާޑްއަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކި ގޮތްގޮތުން ވަރަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

މިގޮތުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓަރކުރުމުގެ އިތުރުން ސަލާމަތްތެރިކަން ދެމެހެއްޓުމަށް ވަރަށް ގިނަގުނަ ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ. އަދި ދިވެހި ސިފައިންނާއި ކަނޑުމަތީގައި ހަރަކާތްތެރިވާ އެހެން މުއައްސަސާތަކަށް ވިޒިޓް، ބޯޑް، ސާޗް އެންޑް ސީޒާ ޓްރެއިނިންގް ފަދަ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިފަރާތްތަކުން ދީފައިވާ އެހީގެ ސަބަބުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ހިމާޔަތްކުރުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ގާބިލިއްޔަތުކަން އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.