ސަރުކާރުން ވިސްނައިގެން ކަންކަން ކޮށްފިނަމަ ރާއްޖޭގެ ސިއްހީ ނިޒާމް ރަނގަޅު ކުރުމަށް ބޭރުގެ ހޮސްޕިޓަލްތައް ރާއްްޖެއަށް ގެނެވިދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، އެމްޑީީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެ ކެމްޕެއިން ކުރަމުން އަންނަ މި ދުވަސްވަރާ ދިމާކޮށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެ ގޮތުން ނަޝީދު ގެންދަވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބް ގާތްވަމުން އަންނަ ވަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އެގޮތުން މިއަދު ނަޝީދު ވިދާޅުވީ، ރާއްޛޭގެ ސިއްހީ ކަންކަން ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ވިސްނުންތެރި ކަމާއެކު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަމިއްލަ ފަރާތްތަކަށް ހޮސްޕިޓަލް ހިންގުމަށް އިތުރު ފުރުސަތުތައް ވަރަށް ބޭނުންތެރި ކަމަށާއި ބެރުގެ ހޮސްޕިޓަލް ޗެއިންތައް ރާއްޖެއަށް ގެނެވިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް ނަޝީދު ވަނީ، މި ސަރުކާރު ވެރިކަމަށް އައި އިރު މަސްވެރިންނަށް ފުއްދައިދޭން ބުނި ވައުދުތައް ނުފުއްދާ ކަމަށް ވިދާޅުވެ އެމްޑީޕީގެ މެނިފެސްޓޯއަށް އެނބުރި އައުމަށް ގޮވާލައްވާފައެވެ. މި ދުވަސްވަރު ނަޝީދު ސަރުކާރަށް ފާޑު ވިދާޅުވާ އިރު، އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ޕާޓީގެ ތެރެ ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ.
ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) އަކީ ސިޔާސީ ގޮތުން އެމްޑީޕީއަށް މުހިންމު ދެބޭފުޅުންނަށް ވާއިރު، އެ ދެބޭފުޅުން ނިސްބަތްވަނީ އެ ޕާޓީ ތެރޭގައި މިހާރު އޮތް ސިޔާސީ ދެބައިވުމާ އެއްގޮތަށް 2 ފެކްޝަނަށެވެ. ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެކެވެ. އިންތި އަކީ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެވެ.