އަނބުރާ ހޯދަން ޖެހޭ ފައިސާގެ ތިން މައްސަލައަކަށް އަރާ 1.5 މިލިއަން ރުފިޔާ ހޯދަން ދައުލަތަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ބުނީ، ދައުލަތަށް ލިބެން ޖެހޭ ޖުމްލަ 1،570،814.44 ރުފިޔާ ހޯދަން އަންގާފައި ވަނީ ތިން މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއީ ރ. އަލިފުށީ އެކި ސަރަހައްދުތަކުން ދޫކޮށްފައިވާ ކުލީ ބިންތަކުން ކުލި ނުލިބިވާ މައްސަލައަކާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގެއަށް ދޫކޮށްފައިވާ ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުން ކުރުމުގެ އުސޫލާ ހިލާފް ވެފައިވާ މައްސަލައަކާއި ބާރަށު ކައުންސިލާއި އަމިއްލަ ފަރާތަކާ ދެމެދު 2015 ވަނަ އަހަރުގައި ވެފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެކެވެ.
ފުރަތަމަ މައްސަލައިގެ ތަފްސީލް ހާމަ ކުރަމުން އޭސީސީން ބުނީ، އެއީ ރ. އަލިފުށީ އެކި ސަރަހައްދުތަކުން ދޫކޮށްފައިވާ ކުލީ ބިންތަކުން ކުލި ނުލިބިވާ މައްސަލަ އަކީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ނުލިބި ހުރި ފައިސާގެ މައްސަލައެއް ކަމަށެވެ. އެގޮތުން 10 ފަރާތަކަށް ދޫކޮށްފައިވާ 12 ބިމެއްގެ ކުއްޔާ ގުޅިގެން ދައްކަން ޖެހޭ ކުލި އަދި ޖޫރިމަނާއަށް އަރާ 1,414,560.37 ރުފިޔާގެ ފައިސާ ހޯދުމަށް، އިއްޔެ ރ. އަލިފުށީ ކައުންސިލަށް ވަނީ އަންގާފައި ކަމަށް އޭސީސީން ބުނެއެވެ. އަދި ކުރިއަށް އޮތްތާނގައި ކުލީގެ އެއްބަސްވުމާ އެއްގޮތަށް ކުލި ހޯދުމަށް އަންގާފައިވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.
ދެވަނަ މައްސަލައަކީ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ މުލީއާގެއަށް ދޫކޮށްފައިވާ ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކުރުމުގެ އުސޫލާ ހިލާފަށް، 2007 ވަނަ އަހަރުގައި ކޮށްފައިވާ ހަރަދުތަކެއް އެ މައްސަލައިގައި ޒިންމާވާ ފަރާތުގެ އަތުން އަނބުރާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ މައްސަލައެއް ކަމަށް އޭސީސީން ބުނެއެވެ. އެގޮތުން މި މައްސަލއާ ގުޅިގެން ޖުމްލަ 144,494.65 ރުފިޔާ ހޯދަން ވަނީ މިމަހުގެ 24 ގައި އަންގާފައެވެ.
ތިންވަނަ މައްސަލައަކީ، ހއ. ބާރަށު ކައުންސިލާއި އަމިއްލަ ފަރާތަކާ ދެމެދު 2015 ވަނަ އަހަރުގައި ވެފައިވާ އެއްބަސްވުމަކާ ގުޅިގެން އަނބުރާ ލިބެން ޖެހޭ ފައިސާ އެއްބަސްވުން ބާތިލް ކުރި މުއްދަތާ ހަމައަށް ލިބެން ޖެހޭ ކުއްޔަށާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް އަންގާފައިވާ މައްސަލައެއް ކަމަށް އޭސީސީން ބުނެއެވެ. މި މައްސަލައިގައި ޖުމްލަ 11,759.42 ރުފިޔާ ދައްކަން ވަނީ އަންގާފައެވެ.