ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރުގެ މުނާސަބަތުގައި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ވެބްސައިޓްގައި އިއުލާން ކޮށްފައިވާ "ނަލަނަލަ ރާއްޖެ ވީޑިއޯ ޗެލެންޖު" ގެ މުއްދަތު އިތުރުކުރަން ނިންމައިފިއެވެ.

އެ ގޮތުން މި ޗެލެންޖް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 12 މާރިޗް އިން 30 ޖޫންގެ ނިޔަލަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި މި ޗެލެންޖްގެ މަގްސަދަކީ، އިންސްޓަގްރާމާއި ފޭސްބުކް އަދި ޓިކްޓޮކްގެ ޒަރިއްޔާ އިން ޓޫރިޒަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރުގެ ތީމްލަވަ އިޝްތިހާރު ކުރުމެވެ. ހުރިހާ އުމުރުފުރާއަކަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ މިޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންގެ އިތުރުން ބޭރުގެ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.

އެގޮތުން، ޗެލެންޖްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 60 ސިކުންތަށް ވުރެ ދިގު ނޫން ވީޑިއޯއެއް އިންސްޓަގްރާމާއި ފޭސްބުކް ނުވަތަ ޓިކްޓޮކް މެދުވެރިކޮށް ހިއްސާ ކުރެވިދާނެއެވެ. އަދި މިއިން ކޮންމެ ވީޑިއޯއެއްގައި ޗެލެންޖަށް ހާއްސަ ކޮށްފައިވާ ހޭޝްޓެގްތައް ހިމަނާ، މިނިސްޓްރީން ދީފައިވާ އޮފިޝަލް އެކަންޓްތައް ޓެގް ކުރަން ވާނެއެވެ.