ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖެ މިހާރު އޮތް މަގާމު ދެމެހެއްޓޭނީ ރާއްޖޭގެ ވެއްޓަށް ލިބިފައިވާ ހާއްސަ ސިފަތައް އެގޮތުގައި ދަމަހައްޓައިގެން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ރާއްޖޭގެ މަގާމް ބޭރުގެ މާކެޓްތަކުގައި ދެމެހެއްޓެނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުންކަން ފާހަގަ ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ، އެ ފަރާތްތަކަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ މާހިރުންނަށް ވުމާއެކު، އެ ސިނާއަތް ކުރިއަރުވަން ބޭނުންވާ ހިޔާލުތައް ދީ، ކުރިއަށް ހުރި ޖީލުތަކަށް އެ ސިނާއަތް ފޯރުކޮށްދިނުމުގައި އެ ފަރާތްތަކުގެ ދައުރު ބޮޑު ކަމަށެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަތުރުވެރިކަން ތައާރަފްވެގެން ދިޔައިރު ވެސް އެހެން ސިނާއަތްތަކުން ރާއްޖެއަށް އާމްދަނީ ލިބެމުން ދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެގެން ދިއުމާއެކު، މަސްވެރިކަމާއި ދަނޑުވެރިކަން، އަދި އިމާރާތްކުރުމުގެ ސިނާއަތް ވެސް ފުޅާވެގެން ދިޔަ ކަމަށާއި، ރާއްޖޭގެ އިގްތިސޯދަށް އިންގިލާބެއް ގެނެސްދިނީ ފަތުރުވެރިކަން ކަމަށެވެ.

"ފަތުރުވެރިކަން ފެށުމާއެކު، ރާއްޖޭގައި ކުރިން ނެތް އެތައް ދާއިރާތަކަކުން ވަޒީފާތައް އުފެދިގެންދިޔަ. އާކިޓެކްޓުން، އިންޓީރިއާ ޑިޒައިނަރުން، އާޓިސްޓުން، ޓުއާ ގައިޑުން ފަދަ އެތައް މަގާމުތަކެއް އުފެދި، އާމްދަނީގެ ފުރުސަތުތައް ދިވެހިންނަށް ފަހިވެގެންދިޔައީ."

ރައީސް ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ވިޔަފާރީގައި ވާދަވެރިކަން ބޮޑުވެ، ރާއްޖޭގެ ފަތުރުވެރިކަން ނަމޫނާއަކަށް ބަލައިގެން ފަތުރުވެރިކަން ތަރައްގީކުރާ ތަފާތު މަންޒިލްތައް ހުރިއިރު، ރާއްޖޭގެ ނަން ދެމެހެއްޓޭނީ ބުރަ މަސައްކަތް ކޮށް، ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ސިފަތައް އެގޮތުގައި ދަމަހައްޓައިގެންނެވެ.

ހަމަ އެއާއެކު، ފަތުރުވެރިންގެ މެދުގައި ރާއްޖެ މަގްބޫލުވެގެން ދިޔައީ ދިވެހިންގެ މެހެމާންދާރީ އާއި، ހިތްހެޔޮކަމާއި، ރާއްޖެއަކީ އަމާން އަދި ސުލްހަވެރި ތަނަކަށް ވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"...ރާއްޖޭގެ ގުދުރަތީ ރީތިކަން، ކަނޑުފަޅުގެ ރީތިކަމާއި ރަށްތަކުގެ ހިތްފަސޭހަކަން. އެކަންކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މިއަދުވެސް އަޅުގަނޑުމެން ހާއްސަ މަސައްކަތްތަކެއްކޮށް، އެކަމަށް ސަމާލުކަން އެބަ ދޭންޖެހޭ."