ރާއްޖޭގެ ފަރުތަކުގެ ފޮޓޯ ނެގުމުގެ މުބާރާތް، "މޯލްޑިވްސް ރީފް ހެލްތް ޗެކް ފޮޓޯ ޝޫޓް ކޮންޕެޓިޝަން" ގެ ވަނަތައް ހޮވާ، އިނާމު ދިނުމުގެ ހަފްލާ އިއްޔެ އޮންލައިންކޮން ބާއްވައިފިއެވެ.
އެ މުބާރާތުގައި ޓޫރިޒަމް މިނިސްޓްރީއާއި އޯޝަން ޖިއޮގްރަފިކް ގުޅިގެން ދިރާގުގެ ސްޕޮންސާޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އަދި އެ މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި މޯލްޑިވްސް އެލައެންސް އޮފް ޑައިވް އޮޕަރޭޓާސް (މަޑޯ) އަދި މޯލްޑިވްސް ވޭވްއިން ބައިވެރިވިއެވެ.
ޓޫރިޒަމް މިނިސްޓްރީއިން ބުނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ގުޅުވައިގެން ނޮވެންބަރު 18 އިން ޑިސެންބަރު 26 ގެ ނިޔަލަށް ކުރިއަށް ގެންދެވުނު އެ މުބާރާތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް 50 ޑައިވް ސައިޓް ކަނޑައެޅުމަށްފަހު އެ ޑައިވް ސައިޓްތަކުގެ ދިރުމާއި ރީތިކަމާއި ނާޒުކުކަންްކަމުގެ މައުލޫމާތު ރަމްޒުކޮށްދޭ، ފޮޓޯތަކެއް ނެގުމަށް ކުރިއަށް ގެންދެވުނު މުބާރާތެއް ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީއިން މިހާރު މި މުބާރާތް އަހަރު އެއް ފަހަރު ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.
ވަނަތައް ހޮވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ ދެމެހެއްޓެނިވި ޓޫރިޒަމަށް މަގުފަހިވާ މިފަދަ އިވެންޓަށް ދިރާގުން ސްޕޮންސާ ކޮށްދެއްވީތީ، ތިމާވެށި ހިމާޔަތްކުރުމަށް ދިރާގުން ދެއްވާ އަހައްމިޔަތުކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ. އަދި ހަފްލާގައި ވާހަކަ ދައްކަވަމުން އޯޝަން ޖިއޮގްރަފިކްގެ ޑިރެކްޓަރު އަދި ބޯޑް މެންބަރުން، މައިކަލް އޯ ވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން އިތުރަށް ޕްރޮމޯޓްކުރުމަށް މަގުފަހިކުރުމަށް މި ފަދަ މުބާރާތްތައް ބޭއްވުމުގެ މުހިއްމު ކަމަށް ވިދާޅުވެފައެވެ.
މުބާރާތުގެ ބައިވެރިއެއްގެ ގޮތުން ވާހަކަ ދައްކަވަމުން ފޯ ސީސަންސް މޯލްޑިވްސް އެޓް ކުޑަހުރާ ރިސޯޓުގެ ޑައިވް ސެންޓަރު މެނޭޖަރު، އިބްރާހިމް ނަޒީރު ރާއްޖޭގެ ފަރުތައް ޕްރޮމޯޓްކޮށް، ހިމާޔަތްކުރުމަށް މި ފަދަ މުބާރާތްތަކުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.