ގަފޫރުގެ ގައިގައި ހިފަހައްޓައިގެން ތިބި މީހުންގެ އަތް ފޮޅުވާލަމުން އޭނާ ހިންދެމިލިއެވެ. އަދި ފުލުހުން ފަވާޒް ގެންދަން ފެށުމުން ގަފޫރުގެ ރުޅި އިތުރަށް ގަދަވިއެވެ. "ކޮން ސުވާލެއް ކުރާކަށް... ކަލޭމެން ބަލާނެ ކުށްވެރިއެއް ވިއްޔާ އެމީހަކަށް ހިމާޔަތް ދެވޭތޯ. އަހަރެމެންގެ ދަރިން ރޮލާ ކެޔަސް ވަރިހަމައެއްނު... އެއް ދޮރުން ވައްދާފަ މާދަމާ އަނެއް ދޮރުން ތި ކުށްވެރިން ދޫވެގެން ނިކުންނާނެ... އަހަރެމެންނަށް ލިބޭނެ އިންސާފެއް ނޯންނާނެ... ތިކަހަަލަ މީހުން ވީ މަރަން... ހަވަރަށް ދޭންވީ.."

ގަފޫރާ އެކު ރަށުގެ ބައެއް ފިރިހެނުން ފުލުހުންގެ ފަހަތުން ހޯއް ގޮވަމުން ފުލުސް އޮފީހާ ދިމާއަށް މިސްރާބު ޖެހިއެވެ. ރަށުގެ ގިނަ ފިރިހެން ވެރިން ތިބީ ގަފޫރާ އެއްކޮޅަށެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި އާޔާއަށް ޖިންސީ ގޯނާ ކުރީ ފަވާޒެވެ.

*** *** *** *** *** ***

އާ ދުވަހަކަށް އިރު އަރައިފިއެވެ. މުޅި ރަށުތެރެ ވަނީ ހަލަބޮލި ވެފައެވެ. ގެއްލިގެން ހޯދަމުން ދިޔަ އާޔާ ވަލުތެރެއިން ފެނުނު ކަމާއި އޭނާއަށް ފަވާޒް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވި ފުލުހުންގެ ބެލުމުގެ ދަށަށް ގެން ދިޔަ ކަމަށް ބުނެ އެ އަޑު މުޅި ރަށުތެރެއަށް ވަނީ ފެތުރިފައެވެ. ކޮންމެ މީހަކުވެސް ބޭނުން ވަނީ އާޔާއަށް ފަވާޒް ކުރި އަނިޔާގެ ތަފްސީލް ހޯދާށެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތް ހާލާއި އެ ކުއްޖާގެ ހާލަތު ސާފުކުރަން މީހުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ރަށު ކައުންސިލަރުން ތިބީ މެދު ނުކެނޑި އެމީހުންގެ ފޯނުތަކަށް އަންނަމުން ދިޔަ ކޯލްތަކަށް ޖަވާބު ދޭށެވެ. ރާއްޖޭގައި ހިންގާ އެކި ނޫސްތަކުން އެ ރަށިގެ ކައުންސިލަރުންނަށް ގުޅަމުން ދިޔައީ، ކުއްޖާގެ އާއިލާގެ މީހެއްގެ ބަހެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. އަދި އެ ހަބަރާ ގުޅޭ އިތުރު ތަފްސީލް ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް ކައުންސިލްގެ މެންބަރުންނަށް އެނގޭ މައުލޫމާތުތައް ވެސް ހިއްސާ ކުރަން އެމީހުން ފަސް ޖެހުނެވެ.

ސަބަބަކީ އެއީ ކުޑަކުއްޖަކާ ގުޅުން ހުރި މައްސަލައަކަށް ވެފައި މި ވަގުތު ވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރުމުގައި އަވަދި ނެތި އުޅެމުން ދާތިއެވެ. ނަމަވެސް އެ ރަށުގައި އުޅޭ ރޯނު އެދުރުން ދިޔައީ ނަން ހާމަ ނުކުރުމަށް އެދި މަންޒަރު ދުށް މީހުންގެ ގޮތުގައި ބުނެ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމާ ގުޅޭ މައުލޫމާތު އެކި ނޫސްތަކާ ހިއްސާ ކުރަމުންނެވެ.

*** *** *** *** *** ***

ފޯނު ހުޅުވައިގެން އިން ގަފޫރަށް ނޫސްތަކުގައި ލިޔެފައިވާ ހަބަރުތައް ފެނުމުން އިތުރަށް ރުޅި އަންނަ ގޮތް ވިއެވެ. އޭނާގެ ދަރިފުޅާ ގުޅުވާފައި ރަށުގެ ބަޔަކު ދައްކަމުން ދިޔަ ވާހަކަތަކުގެ ސަބަބުން އެ އާއިލާއަށް މިކަމުން ހަމަޖެހުމެއް ލިބެން ނެތް ކަން ވިސްނުނެވެ. ތެދެއް ދޮގެއް ބެލުމެއް ނެތި ނޫސްތަކުގައި ބުނިބުންޏޭ ކިޔައިގެން ހަބަރުތައް ފަތުރަމުން ދިޔަ އިރު އެ އާއިލާގެ އިހްސާސްތައް ދަންނާނެ މީހަކު މި ދުނިޔެ މަތީގައި ނެތް ކަމަށް ގަފޫރަށް ގަބޫލު ކުރެވުނެވެ.

ކޮޓަރި ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ގަފޫރުގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު އާމިރާއަށް ފެނުމުން ގަފޫރު އެހުރީ ކޮންމެވެސް ކަަމަކާ ހިތްހަމަނުޖެހިފައި ކަން އެނގުނެވެ. އެހެން އިންދާ އާމިރާގެ ފޯނު ވައިބްރޭޓް ވާން ފަށައިފިއެވެ. އެ ފޯނަށް އާމިރާ ބަލަހައްޓައިގެން އިނީ އެ ގުޅަނީ ނުދަންނަ ނަންބަރަކުން ކަން އެނގޭތީއެވެ.

އާމިރާގެ އަތުގައި އޮތް ފޯނު ގަފޫރު ޖަހައިގަތުމަށް ފަހު އެ ފޯނު ކަނޑާލައި އާމިރާގެ ފޯނު ނިއްވާލިއެވެ. އެ ކޮޓަރީގައި އެމީހުންނާއެކު ޖެންޑާގެ ފަރާތުން އައިސް ހުރި މީހަކު ހުރުމުން ގަފޫރު ދައްކަން ބޭނުންވި އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ގަފޫރުގެ ދެމަފިރިންނަށް ވާހަކައެއް ނުދެއްކުނު ނަމަވެސް ދެމީހުން ބަދަލު ކުރަމުން ދިޔަ ނަޒަރުން އެކަކު އަނެކަކުގެ ހިތުގައި އަނދަމުން ދިޔަ އިހްސާސްތައް ދެނެގަންނަން އެނގުނެވެ.

ނިދިފައި އޮތް އާޔާގެ އެސްފިޔަތައް މަޑުމަޑުން ހުޅުވާލި އިރު އެ ކޮޓަރިތެރޭ އޭނާއަށް ފެންނަ ހިސާބުގައި ހުރި މަންމަ އާއި ބައްޕަ ފެނުމުން އާޔާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނަމަވެސް އެ ދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔަ އާދަޔާ ހިލާފް ބީރައްޓެހި ކަމެއް އާޔާއަށް ފާހަގަވިއެވެ. އެ ވަގުތު ރޭ ހިނގި ހާދިސާ އާއި ފުލުހުން އައިސް އޭނާއާ ކުރި ސުވާލުތައް ހަނދާން ވިއެވެ. އަދި ކޮންމެވެސް އިރަކުން މި ވާހަކަތައް ހިއްސާ ކުރަންޖެހޭނެ ކަަމާއި އެ ވާހަކަތައް ނުދައްކާ ނުހުރެވޭނެ ކަން އާޔާއަށް އެނގުނެވެ.

އެނދުގައި ލޯ ހުޅުވައިގެން އޮތް އާޔާ ފެނުމުން ޖެންޑާގެ ފަރާތުން އައިސް ހުރި މީހާ މަޑުމަޑުން އާޔާއަށް ގޮވާލިއެވެ. އެ އަޑަށް އާމިރާ އާއި ގަފޫރު ސިހިފައި އެ ދެމަފިރިންގެ ދަރިފުޅު އޮތް ދިމާއަށް ބަލާލިއެވެ. އެމީހުންގެ މޫނުމަތިން ފާޅުވަމުން ދިޔަ ނުތަނަވަސް ކަން ފޮރުވަން މަސައްކަތް ކުރިއެވެ. އާމިރާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރި ކުރުވަމުން ދަރިފުޅު ސައި ބޯނަންތޯ އޭނާ އަހާލީ އާޔާ އޮތް އެނދުކައިރީ ހުރި ކަބަޑުމަތީ އޮތް ކޮތަޅު ހާވާލަމުންނެވެ.

އެއްޗެއް ބުނަން ގަފޫރު އަނގަ ހުޅުވާލި ނަމަވެސް އެނާގެ ދުލުން ބަހެއް ބޭރެއް ނުވިއެވެ. ދަރިފުޅު ހިތްހަމަޖައްސައި ދޭން ކުރާނެ ކަމެއް ގަފޫރުގެ ސިކުނޑިއަކަށް ނައެވެ. އާޔާ ތެދުވެ އެނދުގައި އިށީން އިރު އޭނގެ ނިއްކުރި އާއި ގައިގެ ބައެއް ތަންތަނުގައި އަދިވެސް ދިޔައީ ވޭން އަޅަމުންނެވެ. އެ ތަދުތައް ތަހައްމަލު ކުރަމުން އާޔާ ބޭނުންވީ ހިތްވަރު ކުރާށެވެ. މަންމަ އާއި ބައްޕައަށް އެކަމުން ކުރާނެ އަސަރު އޭނާއަށް އިހްސާސް ވާތީ އެމީހުން ބަލިކަށިވެފައި ތިބޭ މަންޒަރު ބަލާކަށް އާޔާއަކަށް ކުޅަދާނައެއް ނުވިއެވެ. އެހެންކަމުން ސައިބޯނަން ކަމަށް ބުނެ އޭނާ ހިތްވަރުކޮށްފައި މަންމަގެ އަތުން ރޮށިކޮޅެއް ކާލިއެވެ.

އާޔާ ސައިބޮއެ ނިމުނު އިރުވެސް އެ ކޮޓަރީގައި ވަނީ ހަމަހިމޭން ކަމެކެވެ. ދައްކާނެ ވާހަކައެއް އެކަކުގެ ސިކުނޑިއަކަށް ވެސް ނައެވެ. އާމިރާ ދޭތެރެއަކުން މަސްހުންޏާ ރޮއްޓާ މީރު ތޯ އަހާލައެވެ. ނުވަތަ ފެންފޮދެއް ބޭނުންތޯ އަހާލައެވެ. އިތުރު ވާހަކައެއް ނުދެކެވުނެވެ.

ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އެންމެން އެ ދިމާއަށް ބަލާލީ ހަމަހިމޭންކަމުގެ ތެރެއިން އިވުނު އެ އަޑަށް ސިހުމެއް ލިބުނީމައެވެ. ފުލުހުން އައިސް އެ ކޮތަރިއަށް ވަނުމުން ވާން އުޅޭނީ ކީއްކަން އެތާ ތިބި މީހުންނަށް ނަގައިގަނެވުނެވެ. އާޔާގެ ހާލު ރަނގަޅުތޯ އެތަނުން ފުލުހަކު އަހާލުމުން ޖަވާބުގައި އާޔާ ބޯ ޖަހާލިއެވެ. އަދި ފުލުހުން އައީ އާޔާ ކައިރިން ބައެއް ސުވާލުތައް ކުރަން ކަމަށް ބުނުމުން އާޔާގެ ހިތް ބާރުބާރު ބާރަށް ތެޅިގަތެވެ.

*** *** *** *** *** ***

ހެނދުނު ވެގެން ދިޔަ އިރު ވެސް އަޒްކާ އޮތީ ކޮޓަރިން ނިކުންނަ ހިޔާލެއްގައެއް ނޫނެވެ. އޭނާއަށް ރޭ ހަތަރު ދަމު ވެސް ނިދޭ ގޮތެއް ނުވިއެވެ. އާޔާ ގެއްލުނު މައްސަލައިގައި ކަންތައް ވީ ގޮތް އޮޅުން ފިލުވަން އޭނާ ބޭނުން ވިއެވެ. ނަމަވެސް ރޭގަނޑު މާ ލަސްވުމުން އޭނާގެ އެއްވެސް އެކުވެރިއަކަށް ގުޅަން އަޒްކާ ބޭނުން ނުވީއެވެ.

ގަނޑިން 8 ޖެހުމާ އެކީ އަޒްކާ ފޯނު ނަގާ އޭނާގެ އެކުވެރި ނުހާއަށް ގުޅާލިއެވެ. ދެ ބުރަކަށް ފޯނު ރިންގްވީތަނާހެން ނުހާ އެ ފޯނަށް ޖަވާބު ދީފިއެވެ. ކަންތައް ވެގެން އުޅޭ ގޮތް އަޒްކާ އަށް ވުރެ ބޮޑަށް ނުހާއަށް އޮތީ އެނގިފައެވެ. ކޮޓަރިއަށް ވަތް ގޮތަށް އަޒްކާ ބޭރަށް ނުނިކުންނާތީ ރޭ އާޔާ ފެނިއްޖެ ކަން ވެސް އަޒްކާއަކަށް ނޭނގެއެވެ.

"އާޔާ ވީ ހޮސްޕިޓަލްގައި،،، އާޔާއާ މީހަކު ބެހުނީޔޯ... އެނގޭތަ ކާކު ކަން؟ އެއްކަލަ ފަވާ... މިހާރު ފުލުހުން އޭނާ ހައްޔަރު ވެސް ކޮށްފި..." ރޭގަ ވީ ކަންކަމުގެ މައުލޫމާތު ހޯދާ ބެލުމަށްފަހު ނުހާ އެވާހަކަތައް އަޒްކާއާ ހިއްސާ ކުރިއެވެ. އެ ވާހަކަތަކުން އަޒްކާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނަމަވެސް އާޔާ ހޮސްޕިޓަލުގައި ބާއްވަން ޖެހުނީ ކިހާ ވަރެއް ވީމަ ތޯ އެއީ އަޒްކާ ހޯދަން ބޭނުންވި ސުވާލެކެވެ.

"އާޔާ އޮތީ ކިލައިން ތަތް ތެޅިފައި، ވަލުތެރެއިން އޭނާ ނެރުނު އިރު ގައިގަ އެންމެ އަންނައުނެއް ވެސް ނެތޯ... ލޯ މަތި ވެސް ދުޅަވެފަ އޮތީ... ކިރިޔާ އޭނަ ދިރިހުރި ކަމޯ..." ނުހާގެ ވާހަކަ މެދުކަނޑާލަމުން އަޒްކާ ސުވާލު ކޮށްލިއެވެ. "މަޑުކޮށްބަލަ... ނުހާ ބޭރަށް ވެސް ނުދަމެންނު.. ދެން ތި ހުރިހާ ވާހަކައެއް އެނގެނީ ކިހިނެއް..."

ނުހާގެ މައުލޫމާތުގެ މުއްސަނދި ކަން ފެނި އެކަމާ ހައިރާންވެފައި ހުރެ އަޒްކާ ކުރި ސުވާލަށް ނުހާ ޖަވާބު ދިނީ ފަހުރުވެރިވާ ފަދައަކުން ހިނިގަނޑެއް ޖަހާލަމުންނެވެ. "ވާނުވާ ބަލަން ބޭރަށް ދާން ޖެހޭތަ؟... ބަލަ އެއޮތީ ތި ވާހަކަ ހުރިހާ ނޫސްތަކެއްގަ ވެސް ޖަހާފަ... މަ މިހާރު ވެސް މީނީ... އާޔާ އޭ ކިޔައިގެން ލިޔެފަ އޮތް ހަބަރެއް ކިޔަން..." ނުހާ ކިޔަމުންދާ އެ ހަބަރުތައް ކިޔާލަން އަޒްކާ ވެސް ބޭނުން ވިއެވެ. އެހެންކަމުން އެ ހަބަރުތަކުގެ ލިންކް އޭނާއަށް ފޮނުވަން އެދުމަށް ފަހު އަޒްކާ ފޯނު ބޭއްވިއެވެ.

*** *** *** *** *** ***

އާޔާއަށް ކުރަމުން ދިޔައީ ތަފާތު އިހުސާސެކެވެ. އެއްފަހަރު ފުލުސް މީހާ އަނެއް ފަހަރު އޭނާގެ މަންމަގެ މޫނަށް އާޔާ ބަލާލިއެވެ. އަދި ފުލުސް މީހާ ސުވާލު ކުރާކަށް ނުފަށައެވެ. ނަމަވެސް އާޔާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް ވަމުން ދިޔައެވެ. ގައިމަތީ އަޅާފައި އޮތް ހުދު ބެޑްޝީޓުގައި ދެއަތުން ބާރަށް ހިފާ އަތް ބޮނޑި ކޮށްލިއެވެ. އާޔާގެ އެ ހަރަކާތްތައް ބަލަން ދުރުގައި ހުރި ޖެންޑާގެ މުވައްޒަފު ކުރިއަށް ޖެހިލީ އާޔާއަށް ވަމުން ދާ ގޮތް އޭނާއަށް ދެނެގަންނަން އެނގުމުންނެވެ.

"ފުލުހުން ކުރާ ސުވާލުތައް ފަށާނީ އާމިރާ އާއި ގަފޫރު މި ކޮޓަރިން ނިކުތީމަ... ފަހަރުގައި މައިންބަފައިން ކުރިމަތީ އެ ވާހަކަ ހިއްސާ ކުރަން އާޔާއަށް އުނދަގޫ ވެދާނެ..." އާމިރާ އާއި ގާފޫރު އެކަކު އަނެއްކަކުގެ މޫނަށް ބަލާލުމަށް ފަހު ފުލުހުންނާ ދިމާއަށް ބަލާލީ އެހެން ހަދަންވީ ތޯ އަހާ ފަދަ ގޮތަކަށެވެ. އަދި އާޔާގެ ކައިރިއަށް އާމިރާ ޖެހިލަމުން، މަންމަމެން މި ތިބީ ބޭރުގައި މިތާ ކޮޓަރި ކައިރީގައި ކަމަށް ބުނުމުން އާޔާ ބޯ ޖަހާލިއެވެ.

އެއީ އާޔާ ވެސް ބޭނުންވާ ގޮތެވެ. އެރޭ އޭނާއަށް ވީ ގޮތް ކިޔައިދޭ އަޑުއަހާކަށް އޭނާގެ މަންމައަށް ކެތެއް ނުވާނެ ކަން އާޔާއަށް އެނގެއެވެ. އެހެންކަމުން އާމިރާމެން އެ ކޮޓަރިން ނިކުތުމުން ކޮޓަރީގެ ދޮރު ލެއްޕެން ދެން އެ ދިމާއަށް އާޔާ ކަޅި ހުއްޓާލައިގެން އިނީ ފުން ވިސްނުމެއްގައެވެ.

"އިއްޔެ ހަވީރު އެކްސްޓްރާ ކްލާހަށް ދާން ގެއިން ނިކުތް ހިސާބުން ފެށިގެން ހުރިހާ ވާހަކައެއް އާޔާއަށް ކިޔައި ދެވޭނެތަ؟ ބޭނުމިއްޔާ މަޑުވެސް ކުރެވިދާނެ. އެކަމަކު އަވަހަށް މި ވާހަކަ ކިޔައިދިނީމަ ހެއްކާ އެކީ އެ ބަޔަކު ހޯދަން ފަސޭހަ ވާނީ.. އޭރުން އާޔާއަށް ވެސް އިންސާފު ލިބޭނީ..."

ފުލުސް މީހާ ވާހަކަ ދެއްކީ ލޯތްބާ އެކީގައެވެ. އާޔާ ވިސްނާލަން އިނދެފައި އެ ވާހަކަތައް ކިޔައި ދޭން ބޭނުމީ މިހާރު ކަމަށް ބުންޏެވެ. އޭނާ ބޭނުމީ އިންސާފެވެ. ކުދިކުދިވެފައިވާ އެ ހިތަށް އަރާމެކެވެ. ކުށެއް ނެތް މައުސޫމް އާޔާ ބޭނުން ވަނީ އެ ބިރުވެރި ހަނދާންތަކުން މިންޖުވާށެވެ.

(ނުނިމޭ)