ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނެ ކަން އީވާ އަބްދުﷲ ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.

އީވާ އަކީ މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ދެބެންގެ ދެދަރި ކޮއްކޮއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، ކުރިއަށް އޮތް 2023 ގައި ބޭނުންވަނީ އެމްޑީޕީގެ ހަމައެކަނި ވެރިކަމެއް ކަމަށާއި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުންވެސް ބޭނުންވަނީ އެ ޕާޓީގެ ވެރިކަމެއް ކަމަށެވެ.

އެއާއެކު، އީވާ ވަނީ އަންނަ އަހަރު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައެވެ.

"2023 ގެ އިންތިހާބަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ. 2023 ގެ އިންތިހާބުގަ އެމްޑީޕީގެ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތިލައްވާނެ." އީވާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަ ކުރައްވާނެ ކަން އީވާ އިއުލާނު ކުރައްވާފައިވީ ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަން އަދި އިއުލާނެއް ނުކުރައްވައެވެ. އަދި ނަޝީދުވެސް އަމިއްލަފުޅަށް ކެންޑިޑެސީ އިއުލާނެއް ނުކުރައްވައެވެ.

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ދެވަނަ ދައުރަކަށް ފުރުސަތު އޮތް ކަމަށް ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ދެ ބޭފުޅުންގެ ދެމެދުގައި ވާދަވެރިކަން ބޮޑުވެފައި ވާއިރު، ނަޝީދު ވަޑައިގަންނަވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ފާޑު ވިދާޅުވަމުންނެވެ. ދާދިފަހުން އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމްޑީޕީއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ "ފެތެމުންދާ" ސަރުކާރާ ފެޔަށް ޖެހި، ސަރުކާރާ އެކީ "ނުފެތުން" ކަމަށެވެ.