ބޭނުންވަނީ އެއްވެސް ސަރުކާރަކުން ހިޔާނާތްތެރި ނުވުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެފައި ވަނިކޮށް، އެއްވެސް ވަރަކަށް ހިޔާނާތްތެރިވުމަށް ޖާގަ ނުދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ އިއްޔެ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ، އެމަނިކުފާނާއި އެމްޑީޕީ ބޭނުންވަނީ އާދައިގެ ކަމެއް ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީން ބޭނުންވަނީ:

  • އެއްވެސް ސަރުކާރަކުން ހިޔާނާތްތެރި ނުވުން
  • ތަފާތު ކުރުންތައް ނައްތާލައި، އެއްވެސް މީހަކާ މެދު ތަފާތުކުރުން ނުގެންގުޅުން
  • އަނިޔާވެރި ނުވުން
  • އެމްއެމްޕީއާރުސީ ހިޔާނާތާއި ވެންޓިލޭޓަރުން ވައްކަން ކުރި މައްސަލަ ބެލުން

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރުން އެކަންކަން ކުރުމަށް ސަރުކާރަށް އިތުބާރު ލިބިގެން ދާނެއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މީޑިއާތަކަށް ވިދާޅުވީ، މި ސަރުކާރުން އެއްވެސް މިންވަރަކަށް ހިޔާނާތްތެރިވުމަށް ޖާގައެއް ނުދެއްވާނެ ކަމަށާއި، އެއްވެސް މީހަކާ މެދު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށާއި، އަނިޔާވެރިވެސް ނުވާނެ ކަމަށެވެ.

"އެއްވެސް މީހަކަށް އަނިޔާވެރި ނުވާނެ އަދި އަނިޔާވެރި ވުމަށް ފުރުސަތެއް ވެސް ނުދޭނެ." އަލީ ޒާހިރު ވިދާޅުވިއެވެ.

ހަމަ އެއާއެކު، މިފަދަ މައްސަލަތައް ތަހްގީގުކުރުމުގެ ބާރު މިނިވަން މުއައްސަސާތަކަށް ދީފައިވާއިރު، އެފަދަ އެއްވެސް ކަމަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށާއި، ދައުލަތުގެ މުއައްސަސާއަކުން އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ބައެއް ކަންކަމުގައި ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު، ދާދިފަހުން އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމްޑީޕީއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ "ފެތެމުންދާ" ސަރުކާރާ ފެޔަށް ޖެހި، ސަރުކާރާ އެކީ "ނުފެތުން" ކަމަށެވެ.