ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫގެ ދަށުން، އޯޕީޑީ އިމާރާތް އެޅުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫގެ ދަށުން މިހާރު އޯޕީޑީ އިމާރާތުގެ ކޮންކްރީޓް، ސްޓްރަކްޗަރަލް އަދި ރޫފިން މަސައްކަތްތައް ވަނީ ނިމިފައި ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް ހެދުމުގެ މަޝްރޫއަކީ އެ ހޮސްޕިޓަލުގައި މަރާމަތުގެ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން އެ އޯޕީޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ހާއްސަ 21 ރޫމާކާއި، ޓްރީޓްމަންޓް ރޫމަކާއި، ޕްރޮސީޖާ ރޫމަކާއި، އީސީޖީ ރޫމެއްގެ އިތުރުން އެކޯ ރޫމެއް ހަދަން ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު އައި.ސީ.ޔޫ ޔުނިޓް އެޅުމާއި، ލެބޯރެޓަރީ އިމާރާތް އެޅުމުގެ މަސައްކަތް ވެސް ހިމެނެއެވެ

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ އަގަކީ 30.3 މިލިއަން ރުފިޔާއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށް ސޮއި ކުރީ މިދިޔަ ނޮވެންބަރު 14، 2020 ގައެވެ.