ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށް ވާ ޓްވިޓާގެ ކޮންޓްރޯލް ނެގުމަށް، މަހުޖަނު އީލޯން މަސްކު ހުށަހަޅާފައި ވާ 44 ބިލިއަން ޑޮލަރުގެ ހުށަހެޅުން ބަލައިގަތުމަށް، ޓްވިޓާ ކުންފުނީގެ ބޯޑުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ޓްވިޓާއަކީ ކުރިއަރާ ދިއުމަށް އިންތިހާ ތަނަވަސް ފުރުސަތުތަކެއް އޮތް ޕްލެޓްފޯމެއް ކަމަށާ، އެ ފުރުސަތުތަކަށް މަގުފަހި ކުރާނެ ކަމަށް ބުނެ، ޓްވީޓާގެ ކޮންޓްރޯލް ނެގުމުގެ ޝައުގު، މަސްކު ފާޅު ކުރީ މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިންނެވެ.

ޓްވިޓާގެ ކޮންޓްރޯލް ނެގުމަށްފަހު އެ ޕްލެޓްފޯމަށް ބަދަލުތަކެއް ގެންނާނެ ކަމަށް މަސްކު ވަނީ ބުނެފައެވެ. އެގޮތުން ޓްވިޓާގައި މައުލޫމާތު ހާމަ ކުރުމަށް ހުރި ބައެއް ހުރަސްތައް ނައްތާލުމާއި، ފޭކު އެކައުންޓްތައް ނައްތާލުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް މަސްކު ވަނީ ހާމަ ކޮށްފައެވެ.

ޓްވިޓާ ކުންފުނިން އެންމެ ފުރަތަމަ ވަނީ މަސްކުގެ ހުށަހެޅުމާ ދެކޮޅަށް ވާހަކަ ދައްކާފައެވެ. ނަމަވެސް މަސްކުގެ ހުށަހެޅުން ބަލައިގަތުމާ މެދު އެންމެ ފަހުގެ ބަސް ބުނުމަށް، ހިއްސާދާރުންގެ ވޯޓަކަށް އެހުމަށް މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

ފޯބްޒް މަޖައްލާ ބުނާ ގޮތުން މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހަކީ މަސްކު ކަމަށް ވާ އިރު، އޭނާގެ މިލްކިއްޔާތުގެ އަގު، 273.6 ބިލިއަން ޑޮލަރަށް އަރައެވެ. މަސްކުގެ މުއްސަނދި ކަމުގެ ބޮޑު ބައެއް ހިއްސާ ކުރަނީ އޭނާގެ އިލެކްޓްރިކް ވެހިކަލް ކުންފުނި، ޓެސްލާއާއި ޖައްވީ ދަތުރުފަތުރާ ބެހޭ ކުންފުނި، ސްޕޭސްއެކްސްއެވެ.

ޓްވިޓާ ބޭނުން ކުރަމުން ދާ މަސްކުގެ 80 މިލިއަނަށް ވުރެ ގިނަ ފްލޯވަރުން އެ ޕްލެޓްފޯމުގައި އުޅެއެވެ. އަދި ޓްވިޓާއާއި މަސްކާ ދެމެދު މީގެ ކުރިން ދެބަސްވުންތަކެއްވެސް ހިނގާފައިވެއެވެ. އެގޮތުން ޓެސްލާގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭ ގޮތަށް މަސްކު ޓްވިޓާ ބޭނުން ކުރާ ކަމުގެ ތުހުމަތުތަކެއް 2018 ވަނަ އަހަރު ފެންމަތިވިއެވެ. އަދި އެކަން އޮއްބާލީ 40 ބިލިއަން ޑޮލަރު މާލީ ބަދަލެއް ކޯޓުން ބޭރުގައި ހަމަޖައްސައިދީގެން ކަމުގެ އަޑުތައް ފެތުރުނެވެ. ނަމަވެސް މަސްކު އެ ވާހަކަ ދޮގު ކުރެއެވެ.

މަސްކުގެ ދަށަށް ޓްވިޓާ ދާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅުގައެވެ. އެހާ ހިސާބުން ޓްވިޓާގެ އާންމު ހިއްސާތައް ޕްރައިވެޓް ވާނެއެވެ. މަސްކު ބުނާ ގޮތުގައި، އެހާ ހިސާބުން އެ ޕްލެޓްފޯމަށް ބަދަލު ގެނައުމުގެ ބާރު، އޭނާއަށް ލިބޭނެއެވެ.

2004 ވަނަ އަހަރު އުފެއްދި ޓްވިޓާ، 2021 ވަނަ އަހަރު ނިންމާލީ 5 ބިލިއަން ޑޮލަރުގެ އާމްދަނީއަކާއެކުގައެވެ. ދުވާލެއްގެ މައްޗަށް ޓްވިޓާ ބޭނުން ކުރި މީހުންގެ އަދަދު 217 މިލިއަނުގައި އޮތް އިރު، އެއީ ފޭސްބުކް ފަދަ ކުންފުނިތަކާ އަޅާ ބަލާއިރު 4 ބައިކުޅަ 1 ބައި ހާ މިންވަރެކެވެ.