ޝަރުއީ ދާއިރާއަށް އިސްލާހުތަކެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އޭޖީން ބުނީ، ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އެ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމަށްޓަކައި ކަމާގުޅޭ ބިލުތައް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ރާއްޖޭގައި ގާއިމު ކޮށްފައިވާ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެކި ސަރަހައްދުކުގައި ގާއިމުކުރެވޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަށާއި، ވަކިވަކި ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަން ކުރާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލުކުރުން ހިމެނެއެވެ.

މީގެ އިތުުރުން ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި އަދަދެއްގެ ސާކިޓްތަކެއް ގާއިމުކޮށް، މެޖިސްޓްރޭޓުން އައްޔަން ކުރާނީ ކަނޑައެޅޭ ސާކިޓްތަކަކަށް ކަމުގައި ހަމަޖެއްސުމަށާއި، ކޯޓުތައް ހިންގުމާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އެނޫންވެސް ބައެއް އުސޫލުތައް އިތުރަށް ހަރުދަނާކުރުން ވެސް ހިމެނެއެވެ.

އޭޖީން ބުނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރުމުގެ މައިގަނޑު ބޭނުމަކީ، ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުން ކަމަށެވެ.

ހަމައެހެންމެ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލުކުރުމަށާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުން ވެސް ހިމެނޭ ކަމަށް އޭޖީން ބުނެއެވެ. އަދި ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތަކާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް އިތުރަށް ތަފްސީލު ކުރުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ވެސް ހިމެނޭ ކަމަށް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.

އޭޖީން ބުނީ، ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ، އިޖްތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ ބޮޑު އެއް ވައުދު ކަމަށެވެ.