ނ. ކެނދިކުޅުދޫ ގެއަކުން ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދައި، ވައްކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ކެނދިކުޅުދޫ ގެއަކުން ވައްކަންކޮށް، 180،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް މި މަހު 16 ވަނަ ދުވަހު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ފައިސާ ހޯދުމަށް، މަނަދޫ ޕޮލިހާއި ލަންދޫ ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިގޮތުން ކުރި މަސައްކަތުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، ވައްކަމުގެ ތުހުމަތުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 150،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ފައިސާ ހޯދާފައިވަނީ ކެނދިކުޅުދޫ ވަލުތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. އެ އޮޕަރޭޝަނުގައި ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތުދީފައިވާ ކަމަށެވެ.

މަނަދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.