ފަރަންސޭސިވިލާތުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި އިދިކޮޅު ކެންޑިޑޭޓް މަޣިން ލޫ ޕޭން (ލޫ ޕޭން) ބަލި ކުރައްވާ، ވެރިކަމުގެ އިތުރު 5 އަހަރުގެ ދައުރެއް، އެ ގައުމުގެ އަދުގެ ރައީސް، އިމެނުއަލް މެކަޣޯން (މެކަރޮން) ކަށަވަރު ކުރައްވައިފިއެވެ.

ވެރިކަމުގެ އިތުރު ދައުރެއް މެކަރޮން ކާމިޔާބު ކުރެއްވީ ވޯޓު ދިން މީހުންގެ 58.55 ޕަސެންޓްގެ ތާއީދާ އެކުގައި ކަމަށް ވާއިރު، ލޫ ޕޭންއަށް ކަށަވަރު ކުރެއްވުނީ 41.45 ޕަސެންޓްއެވެ. މެކްރޯންއަށް ލިބިވަޑައިގެންނެވީ ލަފާ ކޮށްފައި ވާ ވަރަށް ވުރެ ބޮޑު ތާއީދެއް ކަމަށް ހަބަރު ލިބެއެވެ. ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ނަމަވެސް އިދިކޮޅު ކެންޑިޑޭޓް ވަނީ، އޭނާއަށް ލިބުނު ވޯޓަކީވެސް ކާމިޔާބެއް ކަމަށް ސިފަ ކުރައްވާފައެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ތަގުރީރު ކުރައްވަމުން މެކަރޮން ވިދާޅުވީ، އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދެބަސްވެ، ރުޅިގަދަވެ، އިދިކޮޅަށް ވޯޓު ދޭން ޖެހުނު ސަބަބު ހޯދާ، އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެއީ އޭނާއާއި އޭނާއެކުގައި ތިއްބަވާ އިތުރު ވެރިންގެ މައްޗަށް ލާޒިމު ވެފައި ވާ ކަމެއް ކަމަށްވެސް މެކަރޮން ވަނީ ވިދާޅުވެފައެވެ.

ފަރަންސޭސިވިލާތުގެ ވެރިކަމުގެ އިތުރު ދައުރެއް މެކަރޮން ކާމިޔާބު ކުރެއްވުމާއެކު ވިލާތުގެ ގިނަ ލީޑަރުންތަކެއް ވަނީ ހިންދެމިލެއްވުމުގެ ނޭވާއެއް ލައްވާފައެވެ. ލޫ ޕޭންއަކީ ވިލާތުގެ އިއްތިހާދުގެ ސިޔާސަތުތަކާ ދެކޮޅު ފިކުރެއްގެ ކެންޑިޑޭޓެކެވެ.

ރަޝިއާއިން އަރާ ވަރުގަދަ ހަނގުރާމައެއް ކުރަމުން ދާ ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީވެސް ވަނީ މެކަރޮންއަކީ "ތެދުވެރި އެކުވެރިއެއް" ކަމަށް ވިދާޅުވެ، އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ބާރާއި އެއްބައިވަންތަ ކަމުގެ ގޮތުން ވަރުގަދަ ވިލާތަކަށް އުއްމީދު ކުރައްވައިގެން ހުންނެވި ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ފަރަންސޭސި ސިޔާސީ ލީޑަރުންނަށް ދެން އޮތީ ސިޔާސީ ބައި ބެހުންތަކަށް ބަދަލު ގެނެސް، ޖޫން މަހު އޮތް އާންމު މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމެވެ. މިވަގުތު މެކަރޮންއަށް އަޣުލަބިއްޔަތު އޮތް ކަމުގައި ވީ ނަމަވެސް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބު ވެވަޑައިގެންނެވި ކެންޑިޑޭޓުންގެ ކެމްޕެއިންގެ ކޮޅުމަތި މިހާރު ވަނީ ފެންނަން ފަށާފައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން